އާދިއްތަ, November 29
ސައްލެ މަކަރުހަދައި ނަތީޖާ އޮޅުވާލި ކަމަށް ޒާޔާ ތުހުމަތުކޮށްފި

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ހޯރަފުށީ ދާއިރާގެ ނަތީޖާ އޮޅުވާލައި މަކަރުހެދީ އެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ސަލީމް (ސައްލެ) ކަމަށް، ޕާޓީގެ ޤައުމީ މަޖިލީހުގެ އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ތުހުމަތުކުރައްވައިފިއެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ޒާޔާ މި ތުހުމަތު ކުރައްވާފައިވަނީ، އިންތިޚާބުގެ ނަތީޖާއަށްފަހު މީސްމީޑިއާގައި ލިޔުއްވި ލިޔުމެއްގައެވެ.

ޒާޔާ ލިޔުއްވި ގޮތުގައި، ހޯރަފުށީ ދާއިރާގެ ޤައުމީ މަޖިލިސް ގޮނޑިއަށް އެހެން މީހަކު ވެސް ކުރިމަތިލާފައި ވަނިކޮށް، ސައްލެ އޭނާގެ ކިބައިން އެދިވަޑައިގަތުމުން އެ މީހާގެ ނަން ނަގުވައިދީ، އިންތިޚާބަކާ ނުލައި ސައްލެއަށާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޝިފާއުއަށް އެ މަޤާމު ދީފައިވާ ކަމަށެވެ. ނަމަވެސް ސައްލެ މިހާރު ވަނީ ބޮޑަށް މަކަރުހަދައި ހޯރަފުށީގެ ނަތީޖާ އޮޅުވާލާފައި ކަމަށް ޒާޔާ ތުހުމަތުކުރެއްވިއެވެ.

"ހޯރަފުށީ ޤައުމީ މަޖިލިސް ގޮނޑިއަށް އިތުރު މީހެއް ކުރިމަތިލާފައި ވަނިކޮށް ސައްލެ އަޅުގަނޑު ގާތުގައި އެދުމުން އެމީހާގެ ނަން ނަގުވާ އިންތިޚާބަކާއި ނުލާ ސައްލެ އަށާއި ޝިފާއުﷲ އަށް ތަބަކަކަށްލާފައި އިންތިޚާބު ދިނީމައި، ސައްލެ މިއޮތީ ބޮޑުތަނުން މަކަރުހަދާ ހޯރަފުށީގެ އަޅުގަނޑުގެ ނަތީޖާ އޮޅުވާލާފައި،" ޒާޔާ ލިޔުއްވިއެވެ.

ޒާޔާ ވިދާޅުވީ، ކުރިން ހޯރަފުށީ ދާއިރާއަށް ކުރިމަތިލައްވައި ސައްލެ ނާކާމިޔާބުވުމުން، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ ހޮވައިދިނީ އެ ބޭފުޅުން ކުރި ބުރަ މަސައްކަތުން ކަމަށާއި، ހޯރަފުށީގައި ވައިގެ ބަނދަރެއް ތަރައްޤީކޮށްދީ ރަށަށް ކުރިއެރުން ގެނެސްދިން ނަމަވެސް، ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެ ދާއިރާގެ ގޮނޑި ގެއްލުނީ ކީއްވެގެންކަން ސައްލެ ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

ހޯރަފުއްޓަށް އުފަން ޒާޔާ އިތުރަށް ވިދާޅުވީ، އޭނާގެ ޕްލެޖް އޮޅުވާލައި ސައްލެ ހިތުހުރި ގޮތެއް ހައްދަވާފައިވަނީ ޒާޔާގެ އާއިލާ ދިރިއުޅޭ، އޭނާ ބޮޑުވި އުފަން ރަށުގައި ކަމަށެވެ. މިއަދު އެގޮތަށް ކަންކަން ކުރެވިދާނެ ނަމަވެސް، ދެން ވާނެ ގޮތް ވެސް ބައްލަވާލުމަށް ޒާޔާ ވަނީ އިންޒާރުދެއްވާފައެވެ.

ހޯރަފުށީގެ ރައްޔިތުން ވޯޓު އޮޅުވާލި ކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެ ރައްޔިތުން އެދުމުން މި ވާހަކަތައް ހާމަކުރެއްވީ ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު