އާދިއްތަ, November 29
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެޖޯރިޓީ ފައްޔާޒުގެ "ބޮޑު ބަދަލު" ޓީމުން ހޯދައިފި

އިއްޔެ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ތާއީދުކުރައްވާ "ބޮޑު ބަދަލު" ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް މެޖޯރިޓީ ހޯދައިފިއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ޤައުމީ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ "ބޮޑު ބަދަލު" ޓީމުގެ ކެންޑިޑޭޓުންނެވެ. އިންތިޚާބުގެ ނަތީޖާތައް ޗެކްކޮށް ރަސްމީކޮށް ފައިނަލްކުރުމުގެ މަސައްކަތް އެމްޑީޕީން މިހާރު ދަނީ ކުރަމުންނެވެ.

"ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއާ ގުޅިގެން މީސްމީޑިއާ ޕްލެޓްފޯމް "އެކްސް" މެދުވެރިކޮށް ފައްޔާޒު ވިދާޅުވީ، އެ ޓީމުގެ ކެންޑިޑޭޓުންނަށް ޤައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދައިދިނީތީ އާންމު މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއް. ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް. އިރާދުކުރެއްވިއްޔާ އެމްޑީޕީ އެކުގައި ނުކުމެ އަޅުގަނޑުމެން މި ޤައުމަށް އަނެއްކާވެސް ހެޔޮ ބޮޑުބަދަލެއް ގެންނާނަން،" ފައްޔާޒު ވިދާޅުވިއެވެ.

މި އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދާއެކު "ޓީމު އެމްޑީޕީ"ގެ ނަމުގައި ވެސް ކެންޑިޑޭޓުން ވާދަކުރިއެވެ.

ކުރިން މަޖިލިސް މެންބަރުކަމާއި އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ ފައްޔާޒަކީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ.

ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ އިއްޔެ 14:30 އިން ފެށިގެން 21:00 އާ ހަމައަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު