އާދިއްތަ, November 29
މިފްކޯއަށް މިހާރު މަސް ގަންނަން ސަބްސިޑީ ދޭކަށް ނުޖެހޭ: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް މިފްކޯއަށް ސަބްސިޑީ ދޭކަށް މިހާރު ނުޖެހޭ ކަމަށާއި، އެ ކުންފުނިން ފައިސާ ލީކުވުން ހުއްޓުވައި، ސަރުކާރުގެ ސަބްސިޑީއަށް ބަރޯސާނުވެ ހިންގޭ ފެންވަރަށް ގެނެވިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވީ، މަސްވެރިން އެންމެ ބޮޑަށް ބަރޯސާވާ ކުންފުންޏަކީ މިފްކޯ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ވެސް މިފްކޯގެ އަމަލުތަކަށް ބަލައި ނަމޫނާ ނަގާ ކަމަށެވެ.

ކުރިން މިފްކޯއިން މަސް ގަންނަ އަގު މަތިކުރުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެއްކި ލަސްވުމުގެ ސަބަބުން، މަސްވެރިންގެ އަތުން މަސް ގަންނަ އަމިއްލަ ކުންފުނިތަކަށް ވެސް ފައިސާ ނުދީ މަޑުކުރުމަށް ފަސޭހަވެގެން ދިޔަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ކުރީގައި މިފްކޯއިން ބަރާބަރަށް ލާރި ނުދެވޭތީއާއެކީގައި އެހެން ޕްރައިވެޓް ކުންފުނިތަކަށް ވެސް، މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ ޕްރައިވެޓް ކުންފުނިތަކަށް ވެސް ވަރަށް ފަސޭހަވެގެން ދިޔަ ލާރި ނުދީ މަޑުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަސްވަރު، މަސް ކިލޯއެއް 25 ރުފިޔާއަށް ގަނެ، އެ މަސް ޕްރޮސެސްކުރުމަށް އިތުރު 12 ރުފިޔާ ޚަރަދުވަމުން ދިޔުމުން މިފްކޯއަށް ބޮޑެތި ގެއްލުންތައް ވަމުން ދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މިފްކޯގެ ޚަރަދުތައް ކުޑަކޮށް، ކުންފުނީގެ އެފިޝިއަންސީ ރަނގަޅުކޮށް، މަސް ގަތުމަށް މިފްކޯއަށް ދޭ ސަބްސިޑީގެ ބަދަލުގައި އެ ފައިސާ މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރުމެވެ.

ހަމައެހެންމެ، މިފްކޯއަށް ވިއްކާ ތެލަށް ދިން ސަބްސިޑީ ހުއްޓާލުމަކީ ސިނާއަތުގައި ހަމަހަމަކަން ޤާއިމުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށާއި، ތެލުގެ ސަބްސިޑީ މިހާރު ލިބެނީ ސީދާ ދޯނިފަހަރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފްއެސްއެމް މެދުވެރިކޮށް، މެދުވެރިއަކު ނެތި މަސްވެރިންނަށް ސީދާ ތެޔޮ ވިއްކުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ލުޔެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފްކޯގެ ހިންގުމަށް ގެނައި ބަދަލުތަކާއެކު ކުންފުނީގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވި، ސަރުކާރަށް މިފްކޯ ބަރޯސާވާ މިންވަރު ކުޑަވެފައިވާ ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ މަގު ފަހިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު