އާދިއްތަ, November 29
އއ. މަތިވެރީގެ ޓޫރިޒަމް ޒޯން 1 ފަތުރުވެރިކަމަށް ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި

އއ. މަތިވެރީގެ ޓޫރިޒަމް ޒޯން 1 ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މަތިވެރި ކައުންސިލުން ހުޅުވާލައިފިއެވެ.

ކައުންސިލުން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަތިވެރީގެ ހުޅަނގު ދެކުނުގައި އޮންނަ ޓޫރިޒަމް ޒޯން 1 އަކީ 47،000 އަކަފޫޓުގެ ބިމެކެވެ. މި ބިން ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. މިއީ މަތިވެރީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުގެ ތެރެއިން އެންމެ ބޮޑު ބިންތަކުގެ ތެރޭގައި ހިމެނޭ ބިމެކެވެ.

މި ބީލަމުގައި "ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަން ދިނުމުގެ އުސޫލު" އަށް ރިއާޔަތްކުރާނެ ކަމަށް ވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޑިސެމްބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ބީލަމުގެ ރަޖިސްޓްރޭޝަން ފީއަކީ 30،000 ރުފިޔާއެވެ.

މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވާނެއެވެ. އެ ބައްދަލުވުން ބާއްވާނީ ޑިސެމްބަރު 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މަތިވެރި ކައުންސިލްގެ އިދާރާގައެވެ. އެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2027 ވަނަ އަހަރުގެ ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މަތިވެރި ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައެވެ.

މަތިވެރީގައި މިހާރު 12 ގެސްޓްހައުސް ހިންގަމުން ދެއެވެ. އެ ރަށުގައި ފަތުރުވެރިކަމަށް ޚާއްޞަކޮށްފައިވާ 3 ސަރަހައްދު ހުރިއިރު، ޓޫރިޒަމް ޒޯން 1 ޚާއްޞަކޮށްފައިވަނީ ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢަކަށް ނުވަތަ ހޮޓަލަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު