އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކެންސަރާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ދެމުން އައި ވިންގު ތަޅާލުމަށްފަހު، އެ ތަނުގައި އައު އިމާރާތެއް ބިނާކުރަން ރާވާފައިވާ ކަމަށް ޓާޝަރީ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސީއީއޯ ވިދާޅުވީ، އައިޖީއެމްއެޗް ބިނާކުރިފަހުން 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ތަނުގެ މަރާމާތު މަސައްކަތްތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނުވާ ކަމަށާއި، އޭގެ ސަބަބުން ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލުގައި ހާދިސާތައް ހިނގާފައިވާ ކަމަށެވެ.
އޮންކޮލޮޖީއާއި ޕަލްމޮނޮލޮޖީ ހިންގަމުން އައި ވިންގަކީ ޚިދުމަތް ދިނުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ، އެ ތަން ވަނީ އެއްކޮށް ހުސްކޮށްފައެވެ. އެ ދެ ދާއިރާގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
"މިހާރު ޕްލޭންކޮށްފައި އޮތީ އެ ވިންގް އެއްކޮށް ނައްތާލުމަށްފަހު އައު އިމާރާތެއް ތަރައްޤީކުރުމަށް. ސަރުކާރުން ފައިސާ ހަމަޖެއްސުމާއެކު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޕްލޭން ކޮށްފައިވަނީ،" ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކަށް ގާތްގަނޑަކަށް 800 އެނދު ބޭނުންވި ނަމަވެސް، ލިބެން ހުރީ 500 އެއްހާ އެނދު ކަމަށް ހަލީމް ވިދާޅުވިއެވެ. އާބާދީ އިތުރުވަމުންދާ މިންވަރާއި، ފަރުވާއަށް އަތޮޅުތަކުން މާލެ އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތުން ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ނުކުރެވޭ ކަމަށާއި، ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެ އަވަށުގައި އަދިވެސް ހުރީ އެންމެ ހޮސްޕިޓަލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަލީމް ވިދާޅުވީ، މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެޑްމިޓްކުރާނެ އެނދު ނުލިބުން ކަމަށާއި، އެކަމާ ހެދި ބަލިމީހުން އެއް ދުވަސް ނުވަތަ ދެ ދުވަސް ވަންދެން އިމަޖެންސީ ރޫމުގައި ބައިތިއްބަން ޖެހޭ ކަމަށެވެ.
މި ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޑޮކްޓަރު ޑިސްޗާޖުކުރަން ނިންމާތާ ގިނަވެގެން ތިން ގަޑިއިރުގެ ތެރޭގައި އެނދު ހުސްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދުގައި އަލަށް ބިނާކުރާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި އެނދާއި ރޫމްތައް އިތުރުކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.






