ޤައުމީ ދިފާޢީ ބާރުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއް ޚިދުމަތްކުރައްވައި، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ހަމަލާގައި ސިފައިންގެ މައި މަރުކަޒު ދިފާޢުކުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވެއްޖެއެވެ.
އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު، މާފަންނު އާސަހަރާ މިސްކިތުގައެވެ.
ސިފައިންގެ ޚިދުމަތުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވި އަންހެން ސިފައިން ތަމްރީނުކުރުމުގައާއި ޕެރޭޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި އާދަމް އިބްރާހީމް މަނިކު ވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ 3 ނޮވެމްބަރުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، މަތިވެރި ޚިދުމަތުގެ މެޑަލް އަދި އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް ހިމެނޭ ގޮތަށް 8 މެޑަލް އަދި 7 ކުލައެވެ.
އާދަމް އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ނޮވެމްބަރު 3 ގައި ދުޝްމަނުން ސިފައިންގެއަށް ހަމަލާދެމުންދާއިރު، ދުޝްމަނުންގެ ހަރަކާތްތައް ބެއްލެވުމުގެ ޢަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއްކަމަށް ރައީސް ވިދާޅުވެއްޖެއެވެ. އަދި ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއް ކަމަށާއި، ސިފައިން ހިންގާފައިވާ ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އިޚްލާޞްތެރި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މަރްޙޫމްގެ ލޮބުވެތި އާއިލާއަށާއި ދިވެހި ސިފައިންނަށް ތަޢުޒިޔާ ދަންނަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރެއްވާފައެވެ.






