އާދިއްތަ, November 29
އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުމަށް އެއްބާރުލުން ވަރުގަދަކުރަން ފޮރިން މިނިސްޓަރު އިރުތިޝާމް ގޮވާލައްވައިފި

އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަމާއި ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި މެންބަރު ޤައުމުތަކުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 25 ވަނަ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ. ފޮރިން މިނިސްޓަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އައިއޯއާރްއޭގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރަކީ މިއީއެވެ.

އައިއޯއާރްއޭގެ 23 މެންބަރު ޤައުމާއި، ޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ 12 ޤައުމެއްގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ޖަމްޢިއްޔާގެ ޗާޓަރުގައިވާ އުޞޫލުތަކާއި ލަނޑުދަނޑިތައް ނެގެހެއްޓުމަށް ހުރިހާ ޤައުމަކުން ވަނީ އަޒުމް އާކޮށްފައެވެ.

ވާހަކަފުޅުގައި މިނިސްޓަރު އިރުތިޝާމް، ބައިނަލްއަގްވާމީ މަސްރަހަށް ކުރިމަތިވަމުންދާ ނުތަނަވަސްކަމާއި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، އިންޑިއާ ކަނޑުގެ ސަލާމަތަށް ހުރި ނުރައްކާތަކުން އަރައިގަތުމަށް ސަރަހައްދީ ފެންވަރުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދު ބިނާވެފައިވަނީ ކަނޑުތަކުގެ ރައްކާތެރިކަމުގެ މައްޗަށް ކަމަށްވާތީ، ރާއްޖެއަށް ސަރަހައްދީ ހަމަޖެހުން ކަށަވަރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އައިއޯއާރްއޭއަކީ މިޒަމާނުގެ ގޮންޖެހުންތަކަށް ޢަމަލީ ޙައްލުތަކެއް ހޯދައިދޭ ޕްލެޓްފޯމަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ، އެ ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފުކުރެއްވިއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ބައިވެރިވި ބައެއް ޤައުމުތަކުގެ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވައި، ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ދެފަރާތަށް ލާބަހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިނިސްޓަރު ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމްގެ އަރިހުގައި، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޢާއިޝަތު ޢަޒީމާއާއި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާ ކަނޑުގެ ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އެއްބާރުލުމާއި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް 1997 ވަނަ އަހަރު އުފެއްދި އައިއޯއާރްއޭގެ 22 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ރާއްޖެ ގުޅުނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 8 ގައެވެ. ވަޒީރުންގެ ބައްދަލުވުމުގެ ކުރިން، ނޮވެމްބަރު 25 އިން 26 އަށް ޖަމްޢިއްޔާގެ ސީނިއަރ އޮފިޝަލުންގެ ކޮމިޓީގެ 29 ވަނަ ބައްދަލުވުން ވެސް ވަނީ ބާއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު