އާދިއްތަ, November 29
އެމެރިކާގެ ވައިގެ ސިފައިންގެ "ކްލައުޑް ވަން" ނިޒާމަށް ހެކަރުން ވަދެގަނެފި

އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ މުހިންމު ކްލައުޑް ކޮމްޕިއުޓިންގ ނިޒާމު ކަމަށްވާ "ކްލައުޑް ވަން" އަށް ހެކަރުން ވަދެގަނެފައިވާ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކަށް ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

މި ނިޒާމަށް ހެކަރުން ވަދެގަނެފައިވާކަން އެނގިފައިވަނީ، ފާއިތުވި އެއް މަހުގެ ތެރޭގައި އެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށެވެ. ސޮފްޓްވެއާގައި ހުރި ބަލިކަށިކަމެއްގެ ބޭނުން ހިފައިގެން ހެކަރުން ވަނީ އެ ނިޒާމުގެ "ކޮންޓްރޯލް ޕްލޭން" އަށް ވާސިލުވެފައެވެ.

ކޮންޓްރޯލް ޕްލޭނަށް ވަދެވުމުން، އަސްކަރީ މަތިންދާބޯޓުތަކުގެ ހާލަތާއި ސްޕެއާ ޕާޓްސް އުފުލާ ގޮތާ ބެހޭ މައުލޫމާތު ބެލުމުގެ ފުރުޞަތު ހެކަރުންނަށް ލިބޭނެއެވެ. ނަމަވެސް މި ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއްކަމާއި، އެއްވެސް މައުލޫމާތެއް ވަގަށް ނަގާފައިވޭތޯ އަދި ކަށަވަރެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން، އާ އެޕްލިކޭޝަންތައް ކްލައުޑް ވަންއަށް ބަދަލުކުރުމުގެ މަސައްކަތާއި، މިހާރު އެ ނިޒާމުގައި ހުރި އެޕްލިކޭޝަންތަކަށް އަޕްޑޭޓް ގެނައުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން، ބައެއް މުވައްޒަފުންގެ އެޑްމިނިސްޓްރޭޓިވް އިހުތިޔާރުތައް ވެސް ވަނީ ބާތިލުކޮށްފައެވެ.

ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް، އެމެރިކާގެ އަސްކަރިއްޔާގެ ސައިބަރ ކޮމާންޑުން ވަނީ މަސައްކަތް ފަށާފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ވައިގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނެޓްވޯކްތަކާއި ނިޒާމުތަކުގެ ސަލާމަތާ ބެހޭ ތަފްސީލީ ކަންކަމާ މެދު ކޮމެންޓެއް ނުކުރާނެ ކަމަށާއި، މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މެދުނުކެނޑި އަޅަމުންދާ ކަމަށެވެ.

2017 ވަނަ އަހަރު ތައާރަފުކުރި ކްލައުޑް ވަން އަކީ މައިކްރޮސޮފްޓް، އެމެޒޯން، އޮރަކަލް އަދި އަލްފަބެޓްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ނިޒާމެކެވެ. އެ ނިޒާމު މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ވައިގެ ސިފައިންގެ 200 އަށްވުރެ ގިނަ މަރުކަޒުތަކުގެ ހަތިޔާރުތަކާއި ވައިގެ ދިފާއީ ރާޑަރުތަކުގެ މައުލޫމާތު ބަލަހައްޓައެވެ.

މި ހާދިސާ ފެންމަތިވެފައި މިވަނީ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދޭ ސައިބަރ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ފަހަކަށް އައިސް އެމެރިކާ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުވި މިފަދަ ހަމަލާތަކަށް އިތުރުވި އަނެއް ހާދިސާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު