ދިވެހިރާއްޖެއިން ޗެކް ރިޕަބްލިކަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެޒިޑެންޓް ސަފީރު ޢާމިނަތު ޢަބްދުﷲ ދީދީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޗެކް ރިޕަބްލިކްގެ ރައީސް ޕީޓަރ ޕަވެލްއަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ހުންނަ ރިޔާސީ ގަނޑުވަރު، ޕްރާގް ކާސަލްގައެވެ.
ރަސްމިއްޔާތަށްފަހު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި ސަފީރު ޢާމިނަތު ޢަބްދުﷲ ދީދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ރައްޔިތުންގެ ފަރާތުން ޗެކް ރިޕަބްލިކްގެ ރައީސަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުން އަރިސްކުރެއްވިއެވެ. އަދި އެކަމަނާއަށް ދެއްވި ހޫނު މަރުޙަބާއަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ.
ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ވައިގެ ދަތުރުފަތުރުގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ވެސް ސަފީރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް ޕަވެލް ވަނީ ސަފީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ޢާމިނަތު ޢަބްދުﷲ ދީދީއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ޗެކް ރިޕަބްލިކާ ދެމެދު އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ޗެކް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަފީރު ޢާމިނަތު ޢަބްދުﷲ ދީދީ ވަނީ 2019 އިން 2023 އަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލް ޖެނެރަލްގެ މަޤާމު ފުރުއްވާފައެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ ޑެސްކް އޮފިސަރ ޚަދީޖާ ޢައުފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.






