ހުޅުމާލެއަށް މިއަދު ހެނދުނު ވެހުނު ބޯވާރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ އެތެރެއަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެއެވެ.
ހުޅުމާލެ 2 ގައި ހުންނަ މި ފްލެޓުތަކުގެ ސިޑިބަރިން ފެން ފައިބާ މަންޒަރާއި، އެޕާޓްމަންޓުތަކަށް ފެން ވަންނަ މަންޒަރާއި، ލިފްޓުތަކުގެ ތެރެއިން ވެސް ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެމްޕީއެލްގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެމްޕީއެލްގެ ޕޯޓް ރެޒިޑެންސްގެ "އެމް" އާއި "ޕީ" ޓަވަރުގެ ޓެރަސްގައި ފެންބޮޑުވެ، ސިޑިތަކާއި ލިފްޓުތަކުގެ ތެރެއަށް ފެން ވަދެފައިވެއެވެ.
ދެ ޓަވަރަށް ވެސް ފެނުގެ އަސަރު ކުރި ނަމަވެސް، އާންމު ސަރަހައްދުތައް މިހާރު ވަނީ ސާފުކޮށްފައެވެ. އަދި ލިފްޓުތައް ވީހާވެސް އަވަހަކަށް އަލުން ހިންގުމަށް އެމްޕީއެލުން މިހާރު މަސައްކަތްކުރަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން، ފްލެޓުތަކުގެ ހާލަތު ވަޒަންކޮށް، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.






