ގއ. ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރާއެކު ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރި ކަމަށް ބުނެ 2 މީހެއްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ހަސަނާއި އެ ރަށު ސަރްދީގެ، އަލީ އިބްރާހީމްގެ މައްޗަށެވެ. 29 މެއި 2025 ގެ ރޭ ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރު ގެންގުޅެ، އަޑުގަދަކޮށް މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް، ޕީޖީ އޮފީހުން ކޯޓަށް ދައުވާ ހުށަހަޅާފައިވަނީ 23 ޖުލައި 2025 ގައެވެ.
ކޯޓުން އިއްޔެ ކުރި ހުކުމް ބިނާކޮށްފައިވަނީ، ދައުވާ ފޯމުގައި ހާދިސާ ހިނގި ތަން ލިޔުމުގައި ކުށެއް އޮތުމުގެ މައްޗަށެވެ. ދައުވާ ފޯމުގައި ހާދިސާ ހިނގި ތަނުގެ ގޮތުގައި ލިޔެފައިވަނީ "މޯނިން ހައުސް" ކަމަށެވެ. ނަމަވެސް ހެކިން ބުނީ ހާދިސާ ހިނގީ "މޯނިން ސަން" ކިޔާ ގޭގެ ކައިރީގައި ކަމަށެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުވާގައިވާ އަމަލުތައް އެ ދެ މީހުން ހިންގިކަމަށް ދައުލަތުން ހާޒިރުކުރި 4 ޝަފަހީ ހެކިން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ފޮޓޯ ރިޕޯޓުން ވެސް އެކަން ސާފުވާ ކަމަށެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، ދައުވާ ފޯމުގައި އޮތީ އިދާރީ ކުށެއް ކަމަށާއި، ސައްހަ މައުލޫމާތު ޝަރީއަތުގެ މަޖިލީހުގައި ވަނީ ސާފުކޮށްދީފައެވެ. މި ކުށުގެ އުންސުރު ފުރިހަމަވަނީ އެ އަމަލު ހިންގީ އާންމު ތަނެއްގައިކަން ސާބިތުވުމުން ކަމަށާއި، ވަކި ގެއެއްގެ ކައިރީގައިކަން ސާބިތުކުރުމަކީ ކުށުގެ އުންސުރެއް ނޫން ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ދައުވާ ފޯމުގައި މިފަދަ ކުށެއް އޮތަސް، ދައުވާ ލިބޭ ފަރާތަށް އޮޅުމެއް ނާރާ ހިނދަކު، މުޅި ދައުވާއަށް އެކަމުން އަސަރު ނުކުރާނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާއިން ސާފުވާ ކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.






