ފާޙިޝް ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، މުޅި ރާއްޖެ ބޮޑު ޞިއްޙީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިންޒާރުދީފިއެވެ.
"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫޢަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު ދުނިޔޭގެ އެކިއެކި މަންސަތަކުގައި އަގުތަކާއެކު ފާޅުގައި އިޢުލާނުކޮށްގެން، ވިޔަފާރީގެ އުޞޫލުން ފާޙިޝް ޢަމަލުތައް ހިންގަމުންދާ ކަމަށެވެ.
މިފަދަ ނުރައްކާތެރި ވަބާތަކުން ޤައުމު ސަލާމަތްކުރުމަށް މައިންބަފައިންނާއި، މުދައްރިސުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ މަސްއޫލުވެރިން ގުޅިގެން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޚުޠުބާގައި ވަނީ ބާރުއަޅާފައެވެ.
ފާޙިޝް ޢަމަލުތައް ޢާންމުވެއްޖެ ނަމަ ޠާޢޫނު ބައްޔާއި، ކުރީގެ މީހުން ނުދެކޭ ފަދަ ވޭންދެނިވި ބަލިތައް ފެތުރިގެންދާނެ ކަމަށް ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ޚުޠުބާގައި ފާހަގަކޮށް، މިއަދުގެ ދުނިޔޭގައި އެޗްއައިވީ އާއި އެއިޑްސް ފަދަ ބަލިތައް އެންމެ ގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ފާޙިޝް ޢަމަލުތައް ހިންގާ މީހުންގެ މެދުގައި ކަމަށް ބުނެފައިވެއެވެ.
އިސްލާމްދީނުގައި ފާޙިޝް ކަންކަމަކީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކަންކަން ކަމަށާއި، ސިއްރުގައި ވިޔަސް ފާޅުގައި ވިޔަސް އެފަދަ ޢަމަލުތައް ކުރުން މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޒިނޭއާއި އެއްޖިންސުން ގުޅުން ހިންގުން ހިމެނޭ ކަމަށާއި، ލޫޠުގެފާނުގެ ޤައުމަށް މާތް ﷲ ފޮނުއްވި ޢަޛާބުން ޢިބުރަތް ޙާޞިލުކުރުމަށް ވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ.
މީގެ އިތުރުން ކުޅަދާނަކަން ލިބިގެންވާ ޒުވާނުން ކައިވެނިކުރުމަށާއި، ކައިވެނިކުރުމުގެ ކުޅަދާނަކަން ނެތް މީހުން ރޯދަހިފުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި ތަނަވަސްކަން ހުރި ފަރާތްތަކުން ޒުވާނުންނަށް ކައިވެނިކުރުމުގައި އެހީތެރިވެދިނުމަކީ ފާޙިޝް ކަންކަން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.






