ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގައި ޕްރޮޕެލާ ގާޑު ހަރުކުރުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ޑިސެމްބަރު 31 ކަމަށް ކަނޑައަޅައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިޢުލާނުކޮށްފިއެވެ.
މިނިސްޓްރީން ރޭ ކުރި އިޢުލާނުގައިވާ ގޮތުގައި، ސަމްޕާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް، ސްނޯކަލިން އާއި ޑައިވިނަށް މީހުން ގެންދާ އުޅަނދުފަހަރުގައި ޕްރޮޕެލާ ގާޑު ހަރުކުރަން ޖެހެއެވެ. އެހެންކަމުން، ޑިސެމްބަރު 31 ގެ ފަހުން އެ ސަރަހައްދަށް މީހުން ގެންދިއުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޖެޓް އިންޖީނުލީ ނުވަތަ ޕްރޮޕެލާ ގާޑު ހަރުކޮށްފައިވާ އުޅަނދުފަހަރު ކަމަށް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.
ސަމްޕާއަކީ 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އެއީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެވެ. ފެހުރިހި ކާނާ ހޯދަން ރާއްޖޭގައި އެންމެ ގިނައިން ޖަމާވާ ސަރަހައްދަށް ވާތީ، ގިނަ އަދަދެއްގެ ފަތުރުވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރެއެވެ.
ނަމަވެސް، އުޅަނދުތަކުގެ ބުރަފަތިން މޫދަށް ފައިބާ މީހުންނަށާއި ފެހުރިއްސަށް އަނިޔާވެ، ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ. އެ މައްސަލަ ބޮޑުވުމާ ގުޅިގެން، ބުރަފަތީގައި ގާޑު ހަރުކުރުން މަޖުބޫރުކުރަން ނިންމި ކަމަށް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އިޢުލާނުކޮށްފައެވެ. އަދި އެކަން ކުރުމަށް މި އަހަރުގެ ޖޫން މަހާ ހަމައަށް އިތުރު މުއްދަތެއް ވެސް ދީފައިވެއެވެ.
ސަމްޕާގެ މެނޭޖްމަންޓް ޕްލޭނުގައިވާ ގޮތުން، އެ ސަރަހައްދުގައި އެއްފަހަރާ މޫދަށް ފައިބައިގެން އުޅެވޭނީ އެންމެ ގިނަވެގެން 60 މީހުންނަށެވެ. އަދި މީހުން މޫދަށް ފައިބައިގެން އުޅެވޭނީ އެންމެ ކައިރީގައި ހުންނަ ހަތަރު އުޅަނދަކުން ކަމަށް ވެސް ޕްލޭނުގައި ބަޔާންކޮށްފައިވެއެވެ.






