އަގުހެޔޮކޮށް ސައިކަލު ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް 139 ދައުވާއެއް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި ދައުވާތައް އުފުލާފައިވަނީ ދ. ބަނޑިދޫ، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށެވެ. ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުގެ މަޢުލޫމާތުގައިވާ ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާ ކަމަށް ދައްކައިގެން ޢާޠިފް ވަނީ އެކި މީހުންގެ އަތުން ފައިސާ ނަގާފައެވެ. ނަމަވެސް އެ މީހުންނަށް ސައިކަލު ފޯރުކޮށްދީފައި ނުވާއިރު، ފައިސާ ވެސް އަނބުރާ ރައްދުކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޢާޠިފްގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޓެކުމުގެ ކުށުގެ 139 ދައުވާއެވެ. ދައުވާތައް ހުށަހަޅާފައިވަނީ ސައިކަލު ގަތުމަށް ފައިސާ ދެއްކި ކޮންމެ މީހެއްގެ ބައި ވަކިން ކަމަށާއި، އެހެންކަމުން ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ، ޢާޠިފްގެ މައްޗަށް މަދުވެގެން 133 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 ރުފިޔާ ޢާޠިފްގެ އަތުން ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ބަދަލު ލިބެންޖެހޭ އިތުރު 11 މީހެއްގެ ބައި ތަޙުޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާ ކަމަށާއި، އެ ތަޙުޤީޤު ނިމުމުން އެ ބައިތަކުގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.






