މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސްފިހާރައެއް އައްޑޫ ހުޅުދޫގައި ރޭ ހުޅުވައިފިއެވެ.
މިއީ މިފްކޯގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުވި އަށްވަނަ މަސްފިހާރައެވެ. އަދި މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރައެވެ. މީގެ ކުރިން މިއަހަރު ތެރޭގައި އައްޑޫ ސިޓީ ހިތަދޫގައާއި ފުވައްމުލައް ސިޓީގައި ވަނީ މިފްކޯގެ މަސްފިހާރަ ހުޅުވާފައެވެ. މީގެ އިތުރުން މާލޭގައި ދެ ފިހާރައާއި ހުޅުމާލޭގައި ތިން ފިހާރަ މިފްކޯއިން ހިންގަމުންދެއެވެ.
ހުޅުދޫގެ މަސްފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނަސް ވިދާޅުވީ، ހުޅުދޫގައި މަސްފިހާރައެއް ހުޅުވުމަށް ނިންމީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. ބަނދަރު ސަރަހައްދުގައި ހިންގަމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ރައްޔިތުން ދިރިއުޅޭ ހިސާބާ ދުރު ތަނަކަށް ވުމުން، ރަށު ތެރެއިން ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ރައްޔިތުން ވަރަށް ބޮޑަށް އެދިފައިވާ ކަމަށް އަނަސް ވިދާޅުވިއެވެ.
އަދި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި ލޯކަލް ޕްރޮޑަކްޝަން ހައުސްއެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް އަނަސް ވަނީ އިއުލާން ކުރައްވާފައެވެ. އެ ހައުސްގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދަށް އާ ދިރުމެއް ލިބި، ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިވާނެ ކަމަށް ވެސް އަނަސް ފާހަގަކުރެއްވިއެވެ.
އައްޑޫ ހުޅުދޫއަކީ ހެދިކާ ހެދުން ފަދަ އިގްތިސާދީ މަސައްކަތްތައް ގިނަގިނައިން ކުރިއަށްދާ ރަށަކަށް ވުމުން، އެކަމަށް ބޭނުންވާ އުފެއްދުންތައް ވެސް ހެޔޮ އަގުގައި އެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި މިފްކޯގެ ހުރިހާ އުފެއްދުމެއް ވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ.






