ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓަރު އިރުތިޝާމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުންތައް ކުރިއަރާފައިވާ މިންވަރު މުރާޖަޢާކުރައްވައި، ތަރައްޤީގެ ދާއިރާގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ސަލާމަތީ ކަންކަމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
ދެ ޤައުމުގެ ރައްޔިތުންނަށް އަމަލީ ފައިދާ ލިބޭ ގޮތަށް ގުޅުންތައް ބައްޓަންކުރުމަށް ރާއްޖެ ދެމިތިބި ކަމުގެ ޔަޤީންކަން މިނިސްޓަރު އިރުތިޝާމް ވަނީ ދެއްވާފައެވެ. އަދި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރު އިރުތިޝާމް މީގެ ކުރިން ވަނީ މިއަހަރުގެ މޭ މަހު، ޖައިޝަންކަރުގެ ދަޢުވަތަކަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.






