Saturday, November 28
ނޭޕާލުގައި ހައްޔަރުކުރި ދިވެހި ފިރިހެނަކީ ލަންކާގައި މަރުގެ އަދަބުން ސަލާމަތްވި މީހެއްކަން އެނގިއްޖެ

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއިން ހައްޔަރުކުރި ދިވެހި ފިރިހެނަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާގައި މަރުގެ ހުކުމް އިއްވުމަށްފަހު، އިސްތިއުނާފީ ކޯޓުން ބަރީއަކުރި މީހެއްކަން އެނގިއްޖެއެވެ.

އޭނާ ސްރީލަންކާގައި ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހު، ކޮޅުނބުގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން، 1.296 ކިލޯގްރާމްގެ ހެރޮއިންއާއެކުއެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމާއި، ވިޔަފާރިކުރުމާއި، ގެންގުޅުމުގެ ދައުވާ ކުރިއެވެ. ނިގަމްބޯ ހައިކޯޓުން ނިންމީ، އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ދައުވާއިން އޭނާ ބަރީއަވި ނަމަވެސް، މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ.

ނަމަވެސް، އެ ހުކުމް އިސްތިއުނާފުކުރުމުން، ސްރީލަންކާގެ ކޯޓް އޮފް އެޕީލުން ވަނީ އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާއަކުން އޭނާ ބަރީއަކޮށްފައެވެ. ހެކީގެ ގޮތުގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި ފުށުއެރުންތަކެއް ހުރުމާއި، ހެކި ރައްކާތެރިކުރުމުގެ އިޖުރާއާތު (ޗެއިން އޮފް ކަސްޓަޑީ) ފުރިހަމަނުވާތީ، ކުށުގެ ނިޔަތް ސާބިތުކޮށްދިނުމުގައި ދައުލަތް ނާކާމިޔާބުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ގާތްގަނޑަކަށް 8 އަހަރު ދުވަހު ލަންކާގައި ބަންދުގައި ހުރުމަށްފަހު، އޭނާ ވަގުތުން މިނިވަންކުރުމަށް ކޯޓުން އަމުރުކުރީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

އޭނާއާއި ނޭޕާލުގެ 20 އަހަރުގެ އަންހެނަކު ވަނީ ކަތުމަންޑޫގެ ތަމޭލްގައި ހުންނަ ހޮޓަލަކުން، ފަސް މިލިއަނަށްވުރެ ގިނަ ނޭޕާލީ ރުޕީސްއާއެކު ހައްޔަރުކޮށްފައެވެ. ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސް އޮފީހުން ބުނީ، އެ ފައިސާ ހޯދި ގޮތެއް އެ ދެ މީހުން އަދިވެސް ސާފުކޮށްދީފައި ނުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު