ގއ. ނިލަންދޫގައި ސައިކަލުގައި ދުއްވައި، ކަތިވަޅިއެއް ހިފައިގެން ބިރުވެރިކަން އުފެދޭ ގޮތަށް އުޅުނު ކަމަށް ބުނެ 2 މީހެއްގެ މައްޗަށް ދައުލަތުން އުފުލި 3 ދައުވާ، ހާދިސާ ހިނގި ގޭގެ ނަން ދައުލަތަށް އޮޅުމުގެ ސަބަބުން ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލީ މުއުމިން ހަސަނާއި އަލީ އިބްރާހީމްގެ މައްޗަށެވެ. މުއުމިން ހަސަންގެ މައްޗަށް ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާއާއި، މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލިއިރު، އަލީ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާއެވެ.
ދައުވާގައިވާ ގޮތުން، 29 މެއި 2025 ގެ ރޭގަނޑު ނިލަންދޫ "މޯނިން ހައުސް" ކިޔާ ގޭގެ ކައިރީގައި، އަލީ އިބްރާހީމް ދުއްވި ސައިކަލުގެ ފަހަތުގައި ކަތިވަޅިއެއް ހިފައިގެން މުއުމިން ހަސަން އިނދެ، އެ ސަރަހައްދުގައި ތިބި މީހުންނަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.
ނަމަވެސް، ޝަރީއަތުގެ މަރުހަލާ ފެށުމާއެކު ދައުވާލިބޭ ދެ މީހުން ވަނީ "މޯނިން ހައުސް" ކިޔާ ގެއެއް ނިލަންދޫގައި ނުހުންނަ ކަމަށް ފާހަގަކޮށްފައެވެ. އަދި ދައުލަތުން ހުށަހެޅި 4 ހެކިން ވެސް ހެކިބަސް ދެމުން ބުނެފައިވަނީ، ހާދިސާ ހިނގީ "މޯނިން ސަން" ކިޔާ ގޭގެ ކައިރީގައި ކަމަށެވެ.
އެއާއެކު، ދައުވާ ފޯމުގައި "މޯނިން ހައުސް" ކަމަށް ލިޔެވުނީ ލިޔުމުގެ ކުށަކުން ކަމަށް ބުނެ، ދައުވާ ފޯމު އިސްލާހުކުރުމުގެ ފުރުޞަތަކަށް ދައުލަތުން ވަނީ އެދިފައެވެ.
މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ހައްމާދު ވާފިރު ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު ދައުވާ ބިނާވެފައިވާ މައިގަނޑު ކަންކަން ބަދަލުކޮށް، ދައުވާ ފޯމު އިސްލާހުކުރުމުގެ ފުރުޞަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދެވޭކަށް ނެތެވެ.
މީގެ އިތުރުން، ދައުވާ ފޯމާއި މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރުގެ ބަޔާނުގައި ވެސް ހާދިސާ ހިނގި ތަނުގެ ގޮތުގައި ލިޔެފައިވަނީ "މޯނިން ހައުސް" ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ދައުވާގައި ބުނާ ތަނާއި ހެކިން ބުނާ ތަނާ ދިމާނުވެ ފުށުއެރުން އުފެދިފައިވާތީ، ޤާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް 3 ދައުވާ ވެސް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކުރީއެވެ.






