ފަތުރުވެރިން މޫދު ކުޅިވަރުތަކުގައި ބައިވެރިކުރުމުގެ ކުރިން، އެމީހުންނަށް ފަތަން އެނގޭ މިންވަރު ޓެސްޓުކޮށް ބެލުން ލާޒިމުކޮށް، ޓޫރިޒަމް މިނިސްޓްރީން އާ ގަވާއިދެއް އާންމުކޮށްފިއެވެ.
"ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ޚިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ނަމުގައި ގެޒެޓްކޮށްފައިވާ މި ގަވާއިދަށް އަމަލުކުރަން ޖެހޭނީ ރިޒޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކާއި ހޮޓާތަކުގެ އިތުރުން، މޫދު ކުޅިވަރުގެ ޚިދުމަތްދޭ ހުއްދަ ލިބިފައިވާ ހުރިހާ ތަންތަނަކުންނެވެ.
ގަވާއިދުގައިވާ ގޮތުން، މީހެއްގެ އިސްކޮޅުގެ ތިންބައިކުޅަ ދެބަޔަށްވުރެ ފުން ސަރަހައްދުތަކުގައި ހިންގާ ހަރަކާތްތަކުގައި ފަތުރުވެރިން ބައިވެރިކުރުމުގެ ކުރިން، ތިލަ ފެނުގައި އެމީހުންނަށް ފަތަން އެނގޭ މިންވަރު ޓެސްޓުކޮށް ބަލަން ޖެހޭނެއެވެ. އަދި ބައިވެރިވާ މީހުންގެ އަދަދާއި ހަރަކާތުގެ ބާވަތަށް ރިއާޔަތްކޮށް، ތަމްރީނު ލިބިފައިވާ ގައިޑުން އެކަށީގެންވާ އަދަދަކަށް ތިބެން ޖެހޭނެއެވެ.
މީގެ އިތުރުން، މޫސުން ގޯސްވެގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިންޒާރު ނެރެފައިވާ ވަގުތުތަކުގައި، އެއްވެސް މޫދު ކުޅިވަރެއް ނުވަތަ އެކްސްކާޝަނެއް ކުރިއަށް ގެންދިއުން ވެސް މި ގަވާއިދުގެ ދަށުން މަނާކޮށްފައިވެއެވެ.
ގަވާއިދުގައި މޫދު ކުޅިވަރުތައް ވަނީ ތިން ބަޔަކަށް ބަހާލާފައެވެ. އެއީ ޖެޓްސްކީ އަދި ވޯޓާ ސްކީ ފަދަ އިންޖީނު އެޅި ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކާއި، ކަޓަމަރާން ދުއްވުމާއި ރާޅާއެޅުން ފަދަ އިންޖީނު ނުހިމެނޭ ހަރަކާތްތަކާއި، ސްނޯކްލިންގ އާއި މޫދު ދަތުރުތައް ފަދަ އެކްސްކާޝަންތަކެވެ. ސްކޫބާ ޑައިވިންގ ފަދަ ފީނުމުގެ ކަންކަން ހިންގާނީ އެކަމަށް ޚާއްޞަ ވަކި ގަވާއިދެއްގެ ދަށުންނެވެ.
ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ލިބިދީފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއިރު، ތިންވަނަ ފަހަރަށް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. ތަކުރާރުކޮށް ގަވާއިދާ ޚިލާފުވާ ތަންތަނަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި، އެއްކޮށް ބާތިލުކުރުމުގެ އިޚްތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ.
މި ގަވާއިދު އެކުލަވާލާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދަށް އެރި ފަތުރުވެރިން ގެނބިގެން މަރުވާ ހާދިސާތައް ގިނަވަމުންދާތީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.






