Thursday, November 26
އެސްކެޕްގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީގެ ނައިބު މުޤައްރިރުކަން ސްޓޭޓް މިނިސްޓަރު ޒީނާޒް ފުރުއްވައިފި

އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީގެ 9 ވަނަ ސެޝަންގެ ނައިބު މުޤައްރިރު (ވައިސް ޗެއަރ) ގެ މަޤާމު، ސިއްޙަތާއި ޢާއިލާއާ އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޒީނާޒް ޢަދުނާން ފުރުއްވައިފިއެވެ.

މި ނޮވެންބަރު މަހު ތައިލެންޑުގެ ބެންކޮކްގައި ބޭއްވި މި ސެޝަންގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ އިސްވެރިޔާއަކީ ސްޓޭޓް މިނިސްޓަރު ޒީނާޒެވެ. ވަފުދުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިތުރުން ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީގެ އިސް ޑިޕްލޮމެޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސެޝަންގައި ފަޤީރުކަން ނައްތާލުމާއި ދުޅަހެޔޮ ދޮށީޢުމުރުގެ އާބާދީއެއް ބިނާކުރުމާ ގުޅޭ ބައިތަކުގެ ރިޔާސަތު ވަނީ ރާއްޖެއިން ބަލަހައްޓާފައެވެ.

ސެޝަންގެ މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ބައިވެރިވެވަޑައިގެން، ފަޤީރުކަން ނައްތާލުމަށާއި ހުރިހާ ފަންތިއެއްގެ މީހުން ޝާމިލުވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ސްޓޭޓް މިނިސްޓަރު ވަނީ ޙިއްޞާކުރައްވާފައެވެ.

އަދި ދޮށީޢުމުރުގެ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ސަރުކާރުން އެކުލަވައިލާފައިވާ "ނޭޝަނަލް އޭޖިންގ ޕޮލިސީ" އާއި "ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ 2025-2028" ގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސްޓޭޓްމެންޓް ވެސް ބައްދަލުވުމުގައި ވަނީ ހުށަހަޅުއްވާފައެވެ.

ޔުނިސެފާއި އެސްކެޕް ގުޅިގެން ބޭއްވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، "އިބަމަ" ފަދަ އިޖުތިމާޢީ ވިއުގަތަކުގެ ޒަރީޢާއިން ކުޑަކުދިންގެ ރައްކާތެރިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ވަފުދުން ވަނީ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން، އުޖޫރައަކާ ނުލައި މުޖުތަމަޢުގައްޔާއި ޢާއިލާގެ ތެރޭގައި އަޅައިލުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމުގެ މުހިންމުކަމަށް ވެސް ރާއްޖޭގެ ވަފުދުން ވަނީ ބާރުއަޅުއްވާފައެވެ.

އެސްކެޕަކީ، އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ އެއްބާރުލުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހީތެރިވެދޭ އދ. ގެ ސަރަޙައްދީ ގޮތްޕެވެ.

ބައިނަލްއަޤްވާމީ މި މަންސައިގައި ރާއްޖެއިން އިސް ދައުރެއް އަދާކުރުމަކީ، އެންމެން ޝާމިލުވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ބައިނަލްއަޤްވާމީ މައިދާނުގައި ހާމަވި ކަމެއް ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު