Thursday, November 26
އައްޑޫގައި ރަތްމަޑި ފެނުމާ ގުޅިގެން އެ އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި

އައްޑު އަތޮޅުގެ ބައެއް ރަށްރަށުގެ ރުއްތަކުން ރަތްމަޑި ފެނުމާ ގުޅިގެން، އެ އަތޮޅުން ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަގުތީގޮތުން މަނާކޮށްފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގެ އެހެން ރަށްތަކަށް މި މަޑި ފެތުރުން ހުއްޓުވުމުގެ ބޭނުމުގައެވެ.

ރެޑް ޕާމް ވީވިލް ނުވަތަ ރަތްމަޑިއަކީ ރުކާއި ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް ހައްދާ ރުކުގެ އާއިލާގެ ގަސްތަކަށް ބޮޑެތި ގެއްލުންތައް ދޭ ނުރައްކާތެރި ސޫތްޕެކެވެ.

މި މަޑީގެ ފަނި ރުކުގެ ކަނދުގެ އެތެރޭގައި ހުންނަ މަޑު ބައިތައް ކައި ހަލާކުކުރެއެވެ. ނަމަވެސް ކަނދުގެ އެތެރެއަށް ދޭ ގެއްލުން ބޭރަށް ނުފެންނާތީ، މަޑި ރުކަށް ގެއްލުންދޭކަން ފާހަގަކުރެވެނީ ރުކުގައި މަޑި ވަރަށް ބޮޑަށް އަށަގަތުމަށްފަހުންނެވެ. އެހެންކަމުން ރުކުގެ ކުރި އަވަހަށް މަރުވެ، ފަހުން މުޅި ރުއް މަރުވެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މަޑި ފެނިފައިވާ ރަށްރަށުގެ ރުއްތަކުގައި ސޫފި މަރާ ބޭސް ޖެހުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ. އޭގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި މަޑި ކޮންޓްރޯލްކުރުމަށް ޕެރޮމޯން ޓްރެޕް ބޭނުންކުރުމުގެ ތައްޔާރީތައް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މަޑި ފެތުރުން ހުއްޓުވުމަށް އަވަހަށް މަޑި އުޅޭ ރުއްތައް ދެނެގަތުމާއި ގަވާއިދުން ރުއްތައް ބަލައި ފާސްކުރުމުގެ މުހިންމުކަން ފާހަގަކޮށް، މި މަސައްކަތުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު