އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ސަރުކާރުން ހިލޭ އެހީ ދޭ "ހެލްޕް ޓު ބިލްޑް" ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ސްކީމަށް އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ 29 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. އެހީއަށް އެދި ހުށަހަޅަންވާނީ ހަމައެކަނި މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.
ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން ހިންގާ މި ސްކީމުގެ އުސޫލު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. ސްކީމުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުން އުފުލަންޖެހޭ ދަރަނީގެ ބުރަ ލުއިކޮށްދިނުމެވެ.
އުސޫލުގައިވާ ގޮތުން، ގްރޭޓާ މާލޭ ސަރަހައްދުން ބޭރުގެ ރަށްރަށުގައި ގޯއްޗަކަށް ހިލޭ އެހީގެ ގޮތުގައި 200،000 ރުފިޔާ ދޫކުރާނެއެވެ. މާލޭގައި ގެދޮރު އެޅުމަށް ދޫކުރާނީ 200،000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ކަމަށާއި، އެ އެހީ ދޫކުރާނީ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ މީހަކަށް 200،000 ރުފިޔާގެ މަގުން، ގިނަވެގެން 5 މީހުންނަށް ނިސްބަތްވާ މިންވަރަށެވެ.
މި ސްކީމުގެ ދަށުން އެހީ ލިބޭނީ އަލަށް ގެ އިމާރާތްކުރުމަށާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތެއް ނިންމުމަށް އަދި ބާވެފައިވާ އިމާރާތެއް ތަޅާލައި އަލުން ބިނާކުރުމަށެވެ.
މި ސްކީމަށް ކުރިމަތިލެވޭނީ ގެދޮރު ބިނާކުރަން ބޭނުންވާ ގޯތި ހުރި ރަށަކީ އެދޭ ފަރާތް ދިރިއުޅެމުންދާ ރަށަށްވާ، އަދި އެކަށީގެންވާ ގެދޮރެއް ނެތް ފަރާތްތަކަށެވެ. ވޭތުވެދިޔަ 20 އަހަރު ދައުލަތުން ނުވަތަ ސަރުކާރު ކުންފުންޏަކުން ހެޔޮ އަގުގައި ދޫކޮށްފައިވާ ބޯހިޔާވަހިކަމުގެ ލޯނެއް ލިބިފައިވާ ފަރާތްތަކަށް މި ސްކީމުގެ ދަށުން އެހީއެއް ނުލިބޭނެއެވެ.
ސަރުކާރުން ދޭ ހިލޭ އެހީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ އިތުރު ފައިސާ ހަމަޖައްސަންވާނީ ސްކީމުގައި ބައިވެރިވާ މާލީ އިދާރާއަކުން ނަގާ ފައިނޭންސިންގ ފެސިލިޓީއެއް މެދުވެރިކޮށެވެ. ނަމަވެސް ކުރިން ނަގާފައިވާ ލޯނެއް އިތުރުކުރުމަށް ނުވަތަ ރީފައިނޭންސްކުރުމަށް އެ ފެސިލިޓީ ބޭނުން ނުކުރެވޭނެއެވެ.
މީގެ އިތުރުން، މި ސްކީމުގެ އެހީގައި ބިނާކުރާ ގެދޮރު އެހީ ލިބުނުތާ 25 އަހަރު ދުވަހުގެ ތެރޭގައި ވިއްކައިލާނަމަ، ސަރުކާރުން ދިން ހިލޭ އެހީގެ ބައި އަނބުރާ ދައްކަން ޖެހޭނެއެވެ. އެ ފައިސާ ޖަމާކުރާނީ ސަރުކާރުގެ ހައުސިންގ ފަންޑަށެވެ.






