ވ. ތިނަދޫގެ ގެސްޓްހައުސްއެއްގައި ދެ އަންހެނުންގެ މެދުގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި، ރަށު ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.
ތިނަދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި މިމަހުގެ 23 ވީ ހޯމަ ދުވަހު ދެ އަންހެނުންގެ ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވައި ކައިވެނިކޮށްދީފައިވާތީ، އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، އެއްޖިންސުން ކައިވެނިކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ކޮންމެ ހަރަކާތެއް ވެސް ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި މަނާކޮށްފައިވާއިރު، އެފަދަ އަމަލެއް ތިނަދޫގައި ހިންގުމުން ރަށާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދި، ރައްޔިތުންނަށާއި ރަށު ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން، ރަށުގެ އާންމު ސަރަހައްދުތަކާއި ގެސްޓްހައުސްތަކުގެ ކުރިމަތީގައިވާ ގޮނޑުދޮށް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ އުސޫލުގައި ވެސް، އެ ތަންތަން ބޭނުންކުރަންވާނީ ޤާނޫނާއި ގަވާއިދުން ހުއްދަކުރާ ކަންކަމަށް އެކަނި ކަމަށް ބަޔާންކޮށްފައިވާ ކަމަށް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމަކަށް ތާއީދު ނުކުރާނެ ކަމަށާއި، މި މައްސަލައިގައި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ރަށު ފަތުރުވެރިކަމަކީ ތިނަދޫގެ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މުހިންމު ދާއިރާއަކަށް ވާތީ، ރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ވިޔަފާރިތަކުން ޤާނޫނުތަކާއި އިސްލާމްދީނާ ޚިލާފު ހަރަކާތްތައް ނުހިންގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.






