Thursday, November 26
ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި

ކޮރަޕްޝަންގެ މައްސަލައެއްގައި ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ގޭބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތު ދިން ގޮތުގައި، ދީނާ ގޭބަންދަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތު ދަށަށް ދިޔުމާ ގުޅިގެން، ޖަލުގެ މާހައުލުގައި އެކަށީގެންވާ ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާދިނުމުންނެވެ.

ކްރިމިނަލް ކޯޓުން ދީނާގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު، ނޭވާލާ ނިޒާމުގެ ބައްޔެއް ހުރުމާއި ތުއްތު ކުދިން ބަލަހައްޓާ އެކަނިވެރި މައަކަށް ވާތީ، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދު ނުވަތަ ޖޫރިމަނާއެއް ކަނޑައެޅުމަށް ދީނާގެ ފަރާތުން އެދުނު ނަމަވެސް، އެކަށީގެންވާ ސިއްހީ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާތީއާއި، މިއީ މުޖުތަމަޢުގެ މަސްލަހަތާ ގުޅިފައިވާ ބޮޑު ކުށަކަށް ވާތީ، އަދަބު ލުއިކޮށް ނުދެވޭނެ ކަމަށް ޝަރީއަތުން ނިންމިއެވެ.

ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވީ، 2018 ވަނަ އަހަރު ފެނަކައިން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުމަކާ ގުޅިގެންނެވެ. އެ އެއްބަސްވުމުގެ މަސައްކަތް ނިމިފައިވޭތޯ ކަށަވަރުނުކޮށް، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނުހޯދައި، އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ލިބޭ ގޮތަށް ފައިސާ ދޫކުރުމުގެ މެމޯ ތައްޔާރުކޮށް ސޮއިކުރި ކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސީސީޓީވީ ކެމެރާއާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހަރުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫޢުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކުރި ކަމުގެ ތުހުމަތުގައި ދީނާގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ބްލޭޒަން އިންކްގެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދުގެ މައްޗަށް ވެސް ކުށް ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއް ކޯޓުން އިއްވާފައިވާއިރު، އޭނާ ވެސް މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު