ހުޅުމާލޭގައި 9 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރެއްގައި، ޕާކުކޮށްފައި އޮއްވާ ރޭ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އަލިފާން ރޯވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރުގައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު 02:17 ހާއިރު ކަމަށާއި، އަލިފާން އެއްކޮށް ނިއްވާލެވުނީ 02:39 ހާއިރު ކަމަށް ސިފައިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަލިފާން ރޯވި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެ ކާރު ކައިރީގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަނދާފައިވާ ކާރަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީ ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައި ކުރިން ހިނގި އެކްސިޑެންޓުގައި، 9 އަހަރުގެ ކުއްޖާގެ ގައިމަތިން ދިޔަ ކަމަށް ބެލެވޭ ކާރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، އެ އެކްސިޑެންޓް ހިނގީ މަގުމަތީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން އުޅުނު މީހެއްގެ ގައިގައި ސައިކަލެއް ޖެހި ސައިކަލު ވެއްޓުމުން، ސައިކަލުން ވެއްޓުނު ކުއްޖާގެ ގައިމަތިން ފަހަތުން އައި ކާރެއް ދިޔުމުންނެވެ. އަނިޔާވި ކުއްޖާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
ކާރުގައި އަލިފާން ރޯވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.






