އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ތިންވަނަ ޙައްޖު އުމުރާ ކޮންފަރެންސް އަދި އެގްޒިބިޝަން މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޙައްޖާއި އުމުރާ ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަހާސިންތާއިން ޙާޞިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ޙައްޖާއި އުމުރާގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށް، ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ހައްލުތައް ހޯދުން ކަމަށެވެ.
އަދި މިއީ ރާއްޖޭގައި އިސްލާމީ ވަޙްދަތާއި ޝިޢާރުތައް މަތިވެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަހާސިންތާއެއް ކަމަށްވެސް އުސާމް ވިދާޅުވިއެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި، ފާއިތުވި އަހަރު ޙައްޖާއި އުމުރާގެ ކަންކަން އެންމެ ރަނގަޅަށް އިންތިޒާމްކުރި 5 ކުންފުންޏަކަށާއި ޙައްޖު ކޯޕަރޭޝަނަށް ޚާއްޞަ އެވޯޑެއް ވަނީ ދީފައެވެ.
އެވޯޑު ލިބުނު ކުންފުނިތަކަކީ މިސްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ބުރޫޖު ހޯލްޑިންގްސް ލިމިޓެޑް، މީގާތު ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް، އީމާން ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް އަދި ކުރިކީލަ އަލް ޙައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑެވެ.






