Thursday, November 26
ކޭ-ޕާކް އެޕާޓްމަންޓް ހަވާލުނުކުރާތީ 1.06 މިލިއަން ރުފިޔާއާއި މަހަކު 25،000 ރުފިޔާ ދޭން ހުކުމްކޮށްފި

ހުޅުމާލޭގައި ތަރައްޤީކުރަމުންދާ "ކޭ-ޕާކް ރެސިޑެންސް" އިން އެޕާޓްމަންޓެއް ގަތް މީހަކާ އެއްބަސްވި މުއްދަތުގައި އެތަން ހަވާލުނުކުރާތީ، ގެއްލުމުގެ ބަދަލާއި ޝަރީޢަތުގެ ހަރަދުގެ ގޮތުގައި 1.06 މިލިއަން ރުފިޔާ ދެއްކުމަށާއި، އެޕާޓްމަންޓް ހަވާލުކުރެވެންދެން ކޮންމެ މަހަކު 25،000 ރުފިޔާ ދެއްކުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވާފައިވަނީ ނ. ހޮޅުދޫ، އޯކިޑްވިލާ، އާމިނަތު ވަދީފާ ހަންބޯ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައިގައެވެ. ދަޢުވާގެ ލިޔެކިޔުންތައް ހަވާލުކުރުމަށްފަހުވެސް ކަނޑައެޅިފައިވާ މުއްދަތުގައި ކުންފުނީގެ ފަރާތުން ޖަވާބެއް ހުށަހަޅާފައި ނުވާތީ، މި މައްސަލަ ނިންމާފައިވަނީ ކުންފުނީގެ ޣައިރު ޙާޟިރުގައެވެ.

ވަދީފާ ވަނީ ކޭ-ޕާކްގެ ދެވަނަ ފަންގިފިލާގައިވާ އެޕާޓްމަންޓެއް 1.75 މިލިއަން ރުފިޔާއަށް ގަތުމަށް 2022 ވަނަ އަހަރު ހަންބޯ ކުންފުންޏާ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ 13.7 ވަނަ މާއްދާގައިވާ ގޮތުން، މުއްދަތަށް އެޕާޓްމަންޓް ހަވާލުނުކުރެވިއްޖެނަމަ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކޮންމެ މަހަކަށް 25،000 ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުންފުނިން ދައްކަންޖެހެއެވެ.

ކޯޓުގެ ހުކުމުގައި ވަނީ އެ އެޕާޓްމަންޓަކީ ހަންބޯ ކުންފުނިން ވަދީފާއާ ހަވާލުކުރަންޖެހޭ ތަނެއް ކަމަށް ކަނޑައަޅާފައެވެ. އަދި ހަވާލުކުރުން ލަސްވުމުގެ ބަދަލުގެ ގޮތުގައި އަރާފައިވާ 1،050،000 ރުފިޔާއާއި، ޝަރީޢަތުގެ ހަރަދުގެ ގޮތުގައި 10،000 ރުފިޔާއާއެކު، ޖުމްލަ 1،060،000 ރުފިޔާ 7 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، މިއަހަރުގެ ޖޫން މަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރެވެންދެން ކޮންމެ މަހަކަށް 25،000 ރުފިޔާ ވަދީފާއަށް ދައްކަމުން ގެންދިއުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޭ-ޕާކް އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތްހެދި މައްސަލައިގައި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) އާއި، އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ ޖައިޝަން ސައީދަށް ވަނީ ޖަލު ހުކުމް ލިބިފައެވެ. މި މަޝްރޫޢުން އެޕާޓްމަންޓް ގަތް ގިނަ ބަޔަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ބަދަލު ދިނުމަށް މީގެ ކުރިން ވެސް ހުކުމްތަކެއް ކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު