Thursday, November 26
ހެލްޕް ޓު ބައި ސްކީމަށް އެދުމުގެ ފުރުޞަތު އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފި

އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް ޓު ބައި" ސްކީމުގެ ދަށުން ބޯހިޔާވަހިކަން ގަތުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން ތައާރަފުކުރި މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ 29 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

މި ސްކީމުގެ ދަށުން އެހީއަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.

"އަލަށް ގެދޮރު ގަތުމަށް އެހީ ދޭ (ހެލްޕް-ޓު-ބައި) ސްކީމުގެ އުސޫލު" (އުސޫލު ނަންބަރު 29-ޖީ/2026) ސަރުކާރުގެ ގެޒެޓުގައި ވަނީ އިއްޔެ ޝާއިޢުކޮށްފައެވެ. މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަމާއެކު ގެދޮރު މިލްކުކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

ޝަރުތު ހަމަވާ ފަރާތްތަކަށް އެހީ ލިބޭނެ ކެޓަގަރީތަކުގެ ތަފުސީލު ގެޒެޓުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ އިތުރު ތަފުސީލުތައް ފުރުޞަތު ހުޅުވާލުމަށް އާންމުކުރާ ރަސްމީ އިޢުލާނުގައި ހިމަނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކު ހައުސިންގ މިނިސްޓްރީން ވަނީ މިދިޔަ އޮކްޓޯބަރު މަހު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު