ގާތްގަނޑަކަށް 9 އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓަރ ތީމް ޕާކު މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ރިސޯޓް ހޮޓަލެއް ހިމެނޭ ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން ފަށައިފިއެވެ.
ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ކަމަށް ވިޔަސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ވަނީ ހުއްޓިފައެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، މުޅި މަޝްރޫޢު 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
ޖުމްލަ 41،549.7 އަކަމީޓަރުގެ ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ތަރައްޤީކުރާ މި މަޝްރޫޢުގެ ފުރަތަމަ ބައަކީ ހުޅުމާލޭ އައްސޭރިފަށުގައި މޫދާ ގުޅޭ ގޮތަށް 17،800 އަކަމީޓަރުގައި ހަދާ ވޯޓަރ ތީމް ޕާކެވެ. ދެވަނަ ބައަކީ 23،749.7 އަކަމީޓަރުގައި ތަރައްޤީކުރާ "ވޯކޯ ރިސޯޓް ހޮޓެލް" އެވެ.
ތީމް ޕާކުގައި 11 ވޯޓަރ އެޓްރެކްޝަނާއި 30 ވަސީލަތް ހިމެނޭއިރު، އޭގެ ތެރޭގައި 8 ވޯޓަރ ސްލައިޑް ހިމެނޭ ކޮމްޕްލެކްސްއަކާއި، 290 މީޓަރުގެ "ލޭޒީ ރިވަރ" އަކާއި، 900 އަކަމީޓަރުގެ ވޭވް ޕޫލަކާއި، 1،900 އަކަމީޓަރުގެ "ސްޕްލޭޝް ޕެޑް" އަކާއި، ކުޑަކުދިންނާއި އާއިލާތަކަށް ޚާއްޞަ ޕޫލްތަކާއި ސްލައިޑްތައް ހިމެނެއެވެ. މީގެ އިތުރުން، މޫދު ފެންނަ ގޮތަށް 230 އަކަމީޓަރުގެ "އިންފިނިޓީ ބަބްލް ޕޫލް" އަކާއި، މޫދުމަތީ އިންފްލޭޓަބަލް ގޭމްސް އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ވެސް ހެދުމަށް ރާވާފައިވެއެވެ.
ޕާކުގައި 1،120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތާއި، 5 ފަންގިފިލާގެ އޮފީސް އަދި އެކޮމޮޑޭޝަން އިމާރާތެއް، ރެސްޓޯރެންޓެއް، ފޮޓޯ ނެގުމަށް ޚާއްޞަ ތަންތަނާއި މަލްޓިމީޑިއާ ޒޯނެއް އަދި ޕާކިންގ ޖާގަތައް ވެސް ހިމެނެއެވެ.
ވޯކޯ ރިސޯޓް ހޮޓެލްގައި 250 ކޮޓަރިއާއި ސުއިޓް، 95 ސާވިސްޑް އެޕާޓްމަންޓް، 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް 3 ވިލާ ހިމެނެއެވެ. އަދި 2،942 އަކަމީޓަރުގެ ރީޓެއިލް ޖާގައާއި ވައިރަލް މާކެޓެއް، 6 ފަންގިފިލާއާއި 3 ފަންގިފިލާގެ ދެ އޮފީސް އިމާރާތެއް ވެސް ތަރައްޤީކުރާނެއެވެ. މި އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހޭނެއެވެ.
ހުޅުމާލޭގައި ހުއްޓިފައި ހުރި ބޮޑެތި މަޝްރޫޢުތައް ނިންމުމަށް އެޗްޑީސީން ކުރާ މަސައްކަތުގެ ތެރެއިން، ގާތްގަނޑަކަށް 21 އަހަރު ހުއްޓިފައި އޮތް ސިޓީ ހޮޓެލް ނިންމައި މިހާރު ޚިދުމަތް ދޭން ފަށާފައިވާއިރު، 2017 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫޢު ނިންމައި މީހުން ދިރިއުޅެން ވަނީ ފަށާފައެވެ. ދި ގާޑަން މަޝްރޫޢު ވެސް ނިމިފައިވާއިރު، 2018 ވަނަ އަހަރުން ފެށިގެން ބޭނުންނުކޮށް ހުރި ވާޓިކަލް ޕާކިންގ ނިޒާމުތައް އަލުން ރީކޮމިޝަންކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.






