Thursday, November 26
ހުޅުމާލޭ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ވަޤްފް ޢިމާރާތް ކަމަށްވާ، ހުޅުމާލޭގައި ޤާއިމްކުރާ "ދާރުއްސަލާމް"ގެ ފައުންޑޭޝަން ރާފްޓްގެ ކޮންކްރީޓް މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޯގަސްޓް މަހުއެވެ. ޖުމްލަ 244 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި ޢިމާރާތުގައި ޕާކިންގ ސަރަހައްދަކާއި ގްރައުންޑް ފްލޯގައި ރިސެޕްޝަނަކާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރާނެއެވެ. އަދި ޒަމާނީ އޮފީސް ޖާގަތަކާއި މީޓިންގ ރޫމުތަކާއި ނަމާދުކުރާ ކޮޓަރިތަކުގެ އިތުރުން ޑޭ ކެއަރ ސެންޓަރެއް ވެސް މި ޢިމާރާތުގައި ހުންނާނެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެ ހެދޭނެ އިންތިޒާމުތަކާއެކު ޢިމާރާތުގައި ލިފްޓުތައް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ޢިމާރާތުގެ ރޫފްޓޮޕް ތަރައްޤީކުރަނީ ހުޅުވާލެވިފައިވާ ޓެރަސްއެއްގެ ގޮތުގައެވެ.

މި މަޝްރޫޢަކީ ވަޤްފުގެ ދާއިރާ ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު