Thursday, November 26
ދައުރުވާ ވީއައިއޭ ވީޑިއޯގައި ފެންނަނީ ސެކިއުރިޓީ ފަރިތަކުރުމެއް ކަމަށް އެމްއޭސީއެލުން ބުނެފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ގުޅުވައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުމެއްގެ ތެރެއިން ހިންގި ހަރަކާތްތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެ ވީޑިއޯގައި ފެންނަނީ ވީއައިއޭގެ މުވައްޒަފުންތަކެއް ފުލުހުންނާ ކުރިމަތިލަމުންދާ މަންޒަރުތަކެކެވެ. ބައެއް މީހުން އެ ވީޑިއޯ ދައުރުކޮށް ބުނެފައިވަނީ، އެއީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ނުދިނުމުން ކުރިއަށްގެންދިޔަ މުޒާހަރާއެއް ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެމްއޭސީއެލުން ބުނީ، ވީޑިއޯގައި ފެންނަ މަންޒަރުތަކަކީ ރޭ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތައް ކަމަށެވެ.

އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ކުންފުނީގެ އަގުވެއްޓޭ ގޮތަށް އަސާސެއް ނެތް މިފަދަ ވާހަކަތައް ފެތުރުމަކީ، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ޢަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސައްޙަކަން ކަށަވަރުނުވާ މިފަދަ މަޢުލޫމާތު ނުފެތުރުމަށާއި، ކުންފުނީގެ ރަސްމީ ޗެނަލްތަކުން ހާމަކުރާ މަޢުލޫމާތު ފިޔަވައި އެހެން މަޢުލޫމާތު ދައުރުނުކުރުމަށް އެމްއޭސީއެލުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު