Thursday, November 26
އަތޮޅުތަކުގައި ދުއްވާ ރަށު ޕިކަޕްތައް ރަޖިސްޓްރީކުރުމަށް ލުއިތަކެއް ދިނުމަށް ނިންމައިފި

އަތޮޅުތަކުގައި ބޭނުންކުރާ ރަށު ޕިކަޕް ފަދަ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްވެފައިވާ މައްސަލަ ހައްލުކުރުމަށް، އެ އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ލުއިތަކެއް ދިނުމަށް އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ވުޒާރާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން، އަތޮޅުތަކުގައި ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްތަކެއްވަންދެން ދުއްވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ރަޖިސްޓްރީކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުން ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ ބަގީ އަދި ރަށު ޕިކަޕު ފަދަ ތިން ފުރޮޅުލީ އުޅަނދުތައް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ގިންތިކޮށްފައިވާ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި ބަދަލާއެކު، އެ ބާވަތްތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް، މިފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދެވޭނެއެވެ.

މީގެ އިތުރުން، އިމްޕޯޓުކުރިތާ ގިނަ ދުވަސްވެފައިވާތީ، ނުވަތަ ރަޖިސްޓްރީކުރުން ލާޒިމުކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތަކުގައި ބޭނުންކުރަމުންދާ މިފަދަ އުޅަނދުތަކުގެ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތްނަމަ، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބަލައި ރަޖިސްޓްރީކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު