Thursday, November 26
ހުޅުމާލޭގައި ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ރޭ 22:50 އެހާކަންހާއިރު ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވެސް ވަނީ ފެނިފައެވެ.

މީގެ އިތުރުން، އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަހައްދުން އިތުރު 2 ބަޔޮނެޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ސަރަހައްދުން ފެނުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު 5 މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު