ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމާއި ރަށުގެ ކުޅި ހިމާޔަތްކުރުމާ ބެހޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވަފުދަކުން ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުން ބާއްވާފައިވަނީ މޫސުމީ ވިލުންވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ރިވިއު މިޝަންގެ ދަށުންނެވެ. އޭޑީބީގެ ވަފުދުން ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ވަނީ ބައްދަލުކޮށްފައެވެ.
ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގެ އެތެރޭގެ ފެންހިންދުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރަށުގެ ކުޅި އަދި ޗަކަބިންތައް އިއާދަކޮށް ހިމާޔަތްކުރުމަށް ހުށަހެޅިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކަންކަން މުރާޖަޢާކުރުމެވެ.
ބައްދަލުވުމުގައި، މި މަޝްރޫޢުގެ ދަށުން ތަންފީޒުކުރުމަށް ހުށަހެޅިފައިވާ ކޮންސެޕްޓްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އެއަށްފަހު އޭޑީބީގެ ވަފުދުން ކުޅުދުއްފުށީގެ ކަމާބެހޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ހާލަތު ވަނީ ވަޒަންކޮށްފައެވެ. މިގޮތުން ވާރޭވެހުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފެންބޮޑުވެފައި ހުންނަ ގެތަކާއި، ފެން ބޭރުކުރުމަށް ކަނޑައެޅިދާނެ އައުޓްފޯލް ސަރަހައްދުތައް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.
މިފަދަ ބައްދަލުވުންތަކާއި ސައިޓް ވިޒިޓްތަކުގެ ސަބަބުން، ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ޚިޔާލު ހޯދައި، ކުޅުދުއްފުށީގެ މުޖުތަމަޢަށް އެންމެ އެކަށޭނަ ގޮތެއްގައި މަޝްރޫޢުގެ ފައިނަލް ޑިޒައިންތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.






