މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ އާ ގަވާއިދެއް މިއަދު ގެޒެޓްކޮށް، ފައިސާ މާރުކުރާ ފަރާތްތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް 200،000 ޑޮލަރަށް ބޮޑުކޮށްފިއެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލި މި ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފައިވާއިރު، ކުރީގެ ގަވާއިދުގެ ދަށުން ކަނޑައަޅާފައި އޮތް ޓިއާ ނިޒާމު ވަނީ އުވާލާފައެވެ.
އާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ. ވިޔަފާރި ހިންގާ މައި ތަނުގެ އިތުރުން ހިދުމަތްދޭ ކޮންމެ ގޮތްޕަކަށް 100،000 ޑޮލަރުގެ ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަންޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވެއެވެ.
ލައިސަންސަށް އެދި ހުށަހަޅާ ފީއަކީ 40،000 ރުފިޔާ ކަމަށްވާއިރު، ލައިސަންސް އާކުރުމުގެ ފީއަކީ 20،000 ރުފިޔާއެވެ. އަދި އަހަރީ ފީގެ ގޮތުގައި 48،000 ރުފިޔާ ދައްކަންޖެހެއެވެ.
އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހިދުމަތް (ކެޓަގަރީ-އޭ) ދިނުމުގެ ލައިސަންސް ދޫކުރެވޭނީ ހަމައެކަނި މި ވިޔަފާރިއަށް ހާއްސަކޮށްފައިވާ، މަންފާ ލިބޭ ހަގީގީ ވެރިޔަކީ ދިވެހި ރައްޔިތަކަށްވާ ކުންފުނިތަކަށެވެ. އަދި ކޯޕަރޭޓް ގްރޫޕަކަށް ދޫކުރެވޭނީ އެންމެ ލައިސަންސެކެވެ.
ފައިސާ މާރުކުރާ ފަރާތްތަކަށް އެއް މުއާމަލާތަކުން ނުވަތަ އެއް ދުވަހެއްގެ ތެރޭގައި އެއް ކަސްޓަމަރަކާއެކު ނަގުދު ފައިސާއިން ކުރެވޭނެ އެންމެ މަތީ އަދަދު ކަމަށްވާ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ ލިމިޓު ވަނީ ދަމަހައްޓާފައެވެ. އެއަށްވުރެ އިތުރުވާ މުއާމަލާތްތައް ކުރަންވާނީ އެ ވިޔަފާރިއެއްގެ ޕްރައިމަރީ ބޭންކު އެކައުންޓު މެދުވެރިކޮށެވެ.
މީގެ އިތުރުން، ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯޓުތަކަށް، އެތަންތަނުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ބޭރު ފައިސާ ވިއްކުމުގެ ހާއްސަ އިހުތިޔާރެއް ލިބިގެންވެއެވެ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ބޭންކުތައް މި ގަވާއިދުން އިސްތިސްނާވެއެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކާއި ލައިސަންސް ނެތި މި ވިޔަފާރި ހިންގާ ފަރާތްތައް 10،000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވެއެވެ.
ކުރީގެ ގަވާއިދުގެ ދަށުން "ޓިއާ 2" ގެ ލައިސަންސަށް ހުށަހެޅި އެޕްލިކޭޝަންތައް ބާތިލުކޮށް ފީ އަނބުރާ ދޭން ނިންމާފައިވާއިރު، "ޓިއާ 1" އަށް ހުށަހަޅާފައިވާ ފަރާތްތަކަށް އިތުރު ފީއަކާ ނުލައި އާ ގަވާއިދުގެ ދަށުން ކުރިއަށްދެވޭނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.






