ވައިގެ މަގުން ރާއްޖެ ގެނައި ކޫރިއާ ބޭގެއްގެ ތެރެއިން ޕެކިންއާއެކު 13 ކިލޯއަށްވުރެ ގިނަ ކެނެބިސް ފެނުނު މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ދޫރަފިޝް، ޙަސަން ޝަމްޢާން (30އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މިމަހުގެ 22 ވަނަ ދުވަހު މެލޭޝިއާ އެއާލައިންސްގެ ފްލައިޓަކުން ރެޑްބޮކްސް މެދުވެރިކޮށް ރާއްޖެ ގެނައި ކޫރިއާ ބޭގެއް ކަސްޓަމްސް އޮފިސަރުން އެކްސްރޭކުރުމުގެ ތެރޭގައި ޝައްކުކުރެވިގެން، އޭގައި ހުރި ޕެކޭޖުތައް ވަނީ ބަލާ ފާސްކޮށްފައެވެ.
އެ ޕެކޭޖުތަކުގައި ހުރި 14 ބެޑްޝީޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާއިރު، އެ ތަކެތި ޓެސްޓުކުރުމުން ކެނެބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި ޕެކިންއާއެކު އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 13.86 ކިލޯ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.
ކޯޓުގައި ޝަމްޢާން ބުނެފައިވަނީ، މަސްތުވާތަކެތި ހުރި ޕެކޭޖަކީ އެހެން މީހެއްގެ ނަމުގައި ގެނެސްފައިވާ އެއްޗެއް ކަމަށާއި، އެއާ ހަވާލުވާން ދިޔައީ ރައްޓެއްސަކު އެދިގެން ކަމަށެވެ.
ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަމުގައި ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާތީ، ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.






