Wednesday, November 25
އޮންލައިން އަދި އޮފްލައިން މާޙައުލަކީ އަނިޔާއަށް ޖާގައެއް ނެތް ތަނަކަށް ހަދަންޖެހޭ: މިނިސްޓަރު ޤީލާ

އޮންލައިން އަދި އޮފްލައިން މާޙައުލަކީ ވެސް އަނިޔާއަށް އެއްވެސް ޖާގައެއް ނެތް ތަނަކަށް ހެދުމަށް ޤައުމީ އަދި ފަރުދީ ފެންވަރުގައި މަސައްކަތްކުރަންޖެހޭ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން ކޮންމެ އަހަރަކު ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ތެރެއިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ އިތުރުވަމުން ދިއުމަކީ މިއަދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ޑިޖިޓަލް ދުނިޔޭގައި ހިންގާ ނޭދެވޭ ޢަމަލުތަކުގެ އަސަރު ޙަޤީޤީ ދިރިއުޅުމަށް ވެސް ކުރާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި އަނެކާގެ ރައްކާތެރިކަމާއި ކަރާމާތަށް އިސްކަންދީ، ޒިންމާދާރުކަމާއެކު އެ ވަސީލަތްތައް ބޭނުންކުރުމަށް މިނިސްޓަރު އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކަމާބެހޭ ޤާނޫނުތައް މުރާޖަޢާކުރުމާއި، ޒުވާނުންނަށް އަމާޒުކޮށް "އެކުއެކީ" ޕްރޮގްރާމް ހިންގުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކުގެ ޚަބަރު ރިޕޯޓުކުރުމުގައި ޢަމަލުކުރާނެ ގައިޑްލައިނެއް ހަދައި، މީޑިއާތަކަށް ތަމްރީނު ދީފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޔޫއެންއެފްޕީއޭއާ ގުޅިގެން "ދަ ވާރޗުއަލް އިޒް ރިއަލް" ޕްލެޓްފޯމާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގުޅޭ ޗެޓްބޮޓް "ރާޙް" ވެސް ވަނީ އިފްތިތާޙުކޮށްފައެވެ.

ކޮންމެ އަންހެނަކަށް ވެސް ކަރާމާތާއި ރައްކާތެރިކަމާއެކު އުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި، އެ ޙައްޤު ޙިމާޔަތްކުރުމަކީ މުޅި މުޖުތަމަޢުގެ ބައިވެރިވުން ބޭނުންވާ ޤައުމީ ވާޖިބެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަސް ކޮންމެ އަހަރެއްގެ ނޮވެންބަރު 25 ގައި ފާހަގަކުރާއިރު، އެ ދުވަހުން ފެށިގެން ޑިސެމްބަރު 10 ގައި ފާހަގަކުރާ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ހަމައަށް މި ކެމްޕެއިން ކުރިއަށްގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު