ހުޅުމާލޭ ރީތި ގަސް މަގުގައި ހުރި ދަނބު ގަސްތަކުގައި ހުވަނި އަޅަމުންދާތީ، ހުވަނި ނައްތާލުމަށް ބޭސްޖަހާތީ އެ މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ގަސްތަކަށް ބޭސްޖެހުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޭސްޖެހުމުގެ މަސައްކަތް މާދަމާ ހެނދުނު 9:00 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެހެންކަމުން، މާދަމާ ހެނދުނު 9:00 ގެ ކުރިން ރީތި ގަސް މަގުގެ ދެފަރާތުގައި، ވަކިން ހާއްސަކޮށް ހުވަނީގެ އަސަރުކޮށްފައިވާ ދަނބު ގަސްތަކުގެ ދަށުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް އެ ސަރަހައްދުން ނަގައިދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި ބޭސްޖެހުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެ މަގުގައި އުޅަނދު ޕާކު ނުކުރުމަށް ވެސް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.
މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެމުން، އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުވަންޏަކީ މޫސުމީ ގޮތުން ބައެއް ގަސްގަހުގައި އަޅާ ފަންޏެކެވެ. މި ފަނީގެ ކަށި ހަށިގަނޑުގައި ޖެހުމުން ހަންގަނޑު ދުޅަވެ، ރަތްވެ ހިރުވާ ގޮތްވެއެވެ.






