މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި ޤާއިމުކޮށްފައިވާ ކާގޯ ޓާމިނަލަށް ކޮންޓެއިނަރު އުފުލާ އުޅަނދަކުން ފުރަތަމަ ފަހަރަށް ކޮންޓެއިނަރު ބާލަން ފަށައިފިއެވެ.
އެމްޕީއެލުން ހާމަކުރި ގޮތުގައި، ތިލަފުށި ކާގޯ ޓާމިނަލަށް ކައިރިކޮށްފައިވަނީ "އެމްއެސްއެސް ގަލީނާ" ނަމަކަށް ކިޔާ ކޮންޓެއިނަރު ވެސަލެވެ. ޖުމްލަ 524 ޓީއީޔޫ ބަރުކޮށްގެން ރާއްޖެ އައި އެ އުޅަނދުން، 490 ޓީއީޔޫ ބާލާނީ ތިލަފުށި ކާގޯ ޓާމިނަލަށެވެ.
އެމްޕީއެލުން ބުނީ، ތިލަފުށީގައި ކޮންޓެއިނަރު ބޭލުމުގެ އޮޕަރޭޝަން މިގޮތަށް ކުރިއަށް ގެންދިއުމަށް ރާވައި، އެކަމާ ގުޅޭ މަސައްކަތްތައް އެ ކުންފުނިން ފެށީ މިއަހަރުގެ މެއި މަހުން ފެށިގެން ކަމަށެވެ. އެއީ އާދައިގެ މަތިން އައު އަހަރުން ފެށިގެން، ރަމަޟާން މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް ރާއްޖެއަށް މުދާ ގެންނަ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް އިތުރުވުމާއި، އައު ރިސޯޓުތައް ހުޅުވުމުގެ ސަބަބުން މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްޕީއެލުން ވަނީ ބުނެފައެވެ.
ތިލަފުއްޓަށް ކޮންޓެއިނަރު ބޭލުމުގެ އިންތިޒާމުތައް ހަމަޖެއްސީ މާލޭ ވިޔަފާރި ބަނދަރުގައި ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދައި، ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ކްލިއާކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މިވަގުތު ކުރިއަށް ދަނީއެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. އެ ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
އެމްޕީއެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުއްޓަށް ބަދަލުކުރުމެވެ.






