Wednesday, November 25
ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ޤާނޫނަށް އިޞްލާޙު ހުށަހަޅައިފި

ކޯޓުގެ ހުރުމަތް ކެނޑުމުގެ ޢަމަލެއް ހިންގައިފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ނުވަތަ ތިން މަސް ދުވަހާ ހަމައަށް ޖަލަށްލުމުގެ އަދަބު ދެވޭ ގޮތަށް ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

ޤާނޫނު މިހާރު އޮންނަ ގޮތުން، ކޯޓުގެ ހުރުމަތް ކެނޑުމާއި ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރިވާ މީހުންގެ އަދަބަކީ ގިނަވެގެން 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގިނަވެގެން ތިން މަސް ދުވަހަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ. ނަމަވެސް ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ވަކިވަކި ޢަމަލުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އިސްތިސްނާވާނެ ޙާލަތްތައް މިހާރުގެ ޤާނޫނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

އަލަށް ހުށަހެޅި ބިލުގައި ވަނީ ހުރުމަތް ކެނޑުމުގެ ޢަމަލުތައް، ޝަރީޢަތުގެ މަޖިލީހުގެ ތެރޭގައި ކުރެވޭ ޢަމަލުތަކާއި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކުރެވޭ ޢަމަލުތަކުގެ ގޮތުގައި ދެ ބަޔަކަށް ބަހާލައި ތަފްޞީލުކޮށްފައެވެ.

ބިލުގައިވާ ގޮތުން، ޝަރީޢަތުގެ މަޖިލީހުގެ ތެރޭގައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް މަލާމާތްކުރުމާއި، ހުއްދައެއް ނެތި އަޑާއި މަންޒަރު ރެކޯޑުކުރުމާއި، ނިޒާމު ގެއްލުވާލުމާއި ހެކިބަސް ދިނުމަށް އިންކާރުކުރުމަކީ ހުރުމަތް ކެނޑުމެވެ. އެފަދަ ޢަމަލެއް ކޮށްފިނަމަ 25،000 ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހަށް ޖަލަށްލުމުގެ އަދަބު ދެވޭނެއެވެ.

ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކޯޓުގެ ހުކުމްތަކަށް ގަސްދުގައި ނުކިޔަމަންތެރިވުމާއި، ޝަރީޢަތްތަކަށް ހުރަސްއެޅުމަށް ބިރުދެއްކުމާއި ރިޝްވަތު ދިނުމާއި، ފަނޑިޔާރުންނާ މެދު އިތުބާރު ގެއްލޭ ގޮތަށް ދޮގު މަޢުލޫމާތު ފެތުރުމަކީ ބޭރުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެއެވެ. އެފަދަ ޙާލަތްތަކުގައި 100،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ނުވަތަ ތިން މަހަށް ޖަލަށްލުމުގެ ބާރު ފަނޑިޔާރަށް ލިބޭނެ ކަމަށާއި، ޖަލު އަދަބު ކަނޑައެޅޭނީ އެ ޢަމަލަކީ ގަސްދުގައި ހިންގި ކަމެއްކަން ސާބިތުވެއްޖެނަމަ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް ބިލުގައި ވަނީ ރިޢާޔަތްކޮށްފައެވެ. އެގޮތުން، ޝަރީޢަތްތަކުގެ ތެދު މަޢުލޫމާތު ޝާއިޢުކުރުމާއި ފަނޑިޔާރުންގެ ނިންމުންތަކާއި ސުލޫކަށް ހެޔޮ ނިޔަތުގައި ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމަކީ ހުރުމަތް ކެނޑުމަކަށް ނުބެލެވޭނެއެވެ. އަދި ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުޞަތު ދޭންޖެހޭނެ ކަމަށާއި، ހެޔޮ ނިޔަތުގައި މަޢާފަށް އެދިއްޖެނަމަ އަދަބު ލުއިކުރުމުގެ އިޚްތިޔާރު ކޯޓަށް އޮންނާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުގެ އިދާރީ އަދި މާލީ ހިންގުން ހަރުދަނާކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ވެސް ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު