ވ. ތިނަދޫގެ ގެސްޓްހައުސްއެއްގައި އެއް ޖިންސުން ކައިވެނިކޮށްދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި، އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި މިދިޔަ ހޯމަ ދުވަހު އެއް ޖިންސުން ދެ އަންހެނުން ކައިވެނިކުރުމުގެ ހަފްލާއެއް ބާއްވާފައިވާތީ، އެކަމާ މެދު ކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެއް ޖިންސުން ކައިވެނިކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހަރަކާތްތައް ރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތުގައި ހުއްދަކުރާ ކަމެއް ނޫން ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ކަމެއް ތިނަދޫގައި ހިންގުމަކީ އެ ރަށާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ރަށުގެ އާންމު ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.
ތިނަދޫގެ އާންމު ސަރަހައްދުތަކާއި ގެސްޓްހައުސްތަކުގެ ކުރިމަތީގެ އަތިރިމަތި ބޭނުންކުރުމުގެ ހުއްދަ ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައި ވެސް، އެ ސަރަހައްދުތައް ބޭނުންކުރަންވާނީ ޤާނޫނާއި ގަވާއިދުތަކުން ހުއްދަކުރާ ހަރަކާތްތައް ހިންގުމަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
އިސްލާމްދީނާއި ޤާނޫނާ ޚިލާފު ހަރަކާތްތަކަށް ކައުންސިލުން ތާއީދުނުކުރާނެ ކަމަށާއި، މި މައްސަލައިގައި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ދާދި ފަހުން ރާއްޖޭގެ ރިސޯޓެއްގައި ވެސް އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން، ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާ ޚިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ، މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.






