Wednesday, November 25
ފިކުރީ މުދަލާ ގުޅޭ އޮފީހުގެ ރަޖިސްޓްރާރަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް ޢައްޔަންކޮށްފި

ފިކުރީ މުދަލާ ގުޅޭ އޮފީހުގެ ރަޖިސްޓްރާރަކަށް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ޢަބްދުﷲ ސިޔާޒް މިއަދު ޢައްޔަންކޮށްފިއެވެ.

ސިޔާޒް މި މަޤާމަށް ޢައްޔަންކުރުމާ ހަމައަށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަޤާމުގައެވެ. ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއަކީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަކީ ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ތަންފީޛުކުރުމަށްޓަކައި ޤާއިމުކޮށްފައިވާ އޮފީހެކެވެ.

އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ޤާއިމުކޮށް ބަދަހިކުރުން ހިމެނެއެވެ. އަދި ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާ ގުޅޭ ކަންކަން ކުރުމަކީ ވެސް އެ އޮފީހުގެ ޒިންމާއެކެވެ.

މީގެ އިތުރުން، ފިކުރީ މުދަލާ ގުޅޭ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދީ، އެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުމަކީ ވެސް އެ އޮފީހުގެ މަސްއޫލިއްޔަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު