Wednesday, November 25
ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް މަޝްވަރާކުރަނީ: މިނިސްޓަރު އިޙްސާން

ކުށުގެ ޒިންމާ ނަގަންޖެހޭ އެންމެ ދަށް އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިހާރު ރާއްޖޭގެ ޤާނޫނުގައި އޮންނަ ގޮތުން ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އެންމެ ދަށް އުމުރަކީ 15 އަހަރެވެ.

ކުޑަކުދިން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރާ މެދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ހިނގަމުން އަންނަ ކަމަށާއި، ސަރުކާރުން މިހާރު މަޝްވަރާކުރަމުން އަންނަނީ އެ އުމުރު 12 އަހަރަށް ތިރިކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުށުގެ ޒިންމާ ކުދިން އުފުލަންޖެހޭނީ ކިހާ އުމުރަކުންތޯ؟ އެއީ ދެން ވަރަށް ވައިޑް ރޭންޖެއްގައި ޑިސްކަސްކުރަމުން އަންނަ އެއްޗެއް. އަޅުގަނޑުމެން އެބަ ޑިސްކަސްކުރަން 12 އަހަރަށް ތިރިކުރުމަށްޓަކައި،" އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އުމުރު 12 އަހަރަށް ދަށްކުރަން މަސައްކަތްކުރަނީ ކުދިންނަށް އަދަބު ދިނުމުގެ މަޤްޞަދުގައެއް ނޫނެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ އުމުރަކީ 15 އަހަރު ކަމުގައި ވިޔަސް، 13 އަހަރާއި 14 އަހަރުގެ ކުދިން ވެސް ކުށުގެ މާޙައުލުގައި ވަރަށް ބޮޑަށް އުޅޭކަން ފާހަގަކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ ކަންކަމުން ކުދިން ދުރުކުރުމަށް ބަލާއިރު، މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަށީގެންވާ ފުރުޞަތު ނުލިބޭތީ ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްތަކެއް ހުރި ކަމަށާއި، އުމުރު ދަށްކުރުމުގެ މައިގަނޑު ބޭނުމަކީ ކުށުގެ މާޙައުލުގައި އުޅޭ ކުދިން އިޞްލާޙުކުރުމަށް އެކުދިންނާއެކު ކުރެވޭ މަސައްކަތްތައް ފުޅާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ގޮތެއް ނިންމައި ފިޔަވަޅު އެޅުމުގެ ކުރިން، ކަމާ ގުޅުންހުރި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު