Wednesday, November 25
ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ބެހޭ ސަރަހައްދީ މާހިރުންގެ ބައްދަލުވުމެއް ރާއްޖޭގައި ނިންމާލައިފި

ކާރިސާތަކުގެ ހިރާސްތަކާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމާއި ގިނަ ނުރައްކާތައް ދެނެގަނެ ވަޒަންކުރުމުގެ އިތުރުން، ލިބިދާނެ ގެއްލުންތައް ދުރާލައި ލަފާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭއްވި ސަރަހައްދީ މާހިރުންގެ ބައްދަލުވުމެއް ރާއްޖޭގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުން ބޭއްވީ "ރީޖަނަލް އެކްސްޕާޓް ގްރޫޕް މީޓިންގ އޮން ސްޓްރެންތަނިންގ ޑިޒާސްޓަރ ރިސްކް ޑޭޓާ އިންޓަރއޮޕަރަބިލިޓީ، މަލްޓި-ހަޒާޑް ރިސްކް އެސެސްމަންޓް އެންޑް އިމްޕެކްޓް-ބޭސްޑް ފޯކާސްޓިންގ" ގެ ނަމުގައެވެ. ބައްދަލުވުމުގައި މެންބަރު ޤައުމުތަކާއި އޮބްޒާވަރު ޤައުމުތަކުގެ އިތުރުން، ސަރަހައްދީ ޖަމްއިއްޔާތަކާއި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކާރިސާތަކުގެ ހިރާސްތަކާ ގުޅޭ މަޢުލޫމާތު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަމުގައި އިސްކަންދޭންވީ މުހިންމު ކަންކަން ދެނެގަތުމަށެވެ. އަދި ބައިވެރިން ވަނީ މި ދާއިރާއިން ލިބިފައިވާ ތަޖުރިބާތައް ވެސް ހިއްސާކޮށްފައެވެ.

ބައްދަލުވުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެގޮތުން އޭޕީޑީއައިއެމް އާއި ޔޫއެން އެސްކެޕްގެ އިތުރުން، ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކާއި މާހިރުންނަށާއި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުން ދެއްވި އަގުހުރި އެއްބާރުލުމަށް އެންޑީއެމްއޭއިން ޚާއްޞަ ޝުކުރެއް ރައްދުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު