ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ދިގު މުއްދަތެއް އިންތިޒާރުކުރަމުން ދިޔަ 200 އަށްވުރެ ގިނަ ބަލިމީހުންގެ ކިޔޫ މިހާރު އެއްކޮށް ހުސްކޮށް، ސުމަކަށް ތިރިކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ކިޔޫ ހުސްކުރެވުނީ ނަފްސާނީ ފަރުވާ ފޯރުކޮށްދޭ ނިޒާމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ނަފްސާނީ ފަރުވާ ދިނުމަކީ ހަމައެކަނި ވަކި ދާއިރާއަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށްޓަކައި އެ ދާއިރާގެ އެކި ފަންނުތަކުގެ ތަޖުރިބާކާރުން ތިބުން މުހިންމު ކަމަށް ވެސް ޤީލާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ނަފްސާނީ ފަރުވާ ހޯދުމަކީ މީގެ ކުރިން އާންމުންނަށް ބޮޑު ތަކުލީފެއް އުފުލަންޖެހިފައި އޮތް ކަމެކެވެ. ޚާއްޞަކޮށް އައިޖީއެމްއެޗްގެ ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރުން އެޕޮއިންޓްމަންޓް ލިބުން ލަސްވުމާއި، ބޭސް ނުލިބުމުގެ އިތުރުން ތެރަޕީގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ގޮސްގެން ފަރުވާ ހޯދަން މަޖުބޫރުވެފައެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ހުޅުމާލޭގައި 50 އެނދުގެ ޚާއްޞަ މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ބޭރުގެ ލޯނު އެހީ ހޯދުމުގެ މަރުޙަލާތައް ދިގުލާތީ، މި ހޮސްޕިޓަލް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ޢިމާރާތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.
މި މަޝްރޫޢަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، ހޮސްޕިޓަލް ޢިމާރާތްކުރުމަށް ހުޅުވާލި ބީލަމުގެ މުއްދަތު ވެސް ސަރުކާރުން ވަނީ އިތުރުކޮށްފައެވެ.






