ވަކި އުމުރެއްގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމުގެ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވުމަށް ހަރުދަނާ އުސޫލުތަކަކާއި ސިޔާސަތެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ނަމަވެސް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅި ކަރުދާހުގައި، ހަރުކަށި ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރުމަށްވުރެ ބޮޑު އިސްކަމެއް ދީފައިވަނީ ބެލެނިވެރިންނާއި ކުދިން ހޭލުންތެރިކުރުވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކަރުދާސް އެކުލަވާލިއިރު ކަމާގުޅޭ އެކި އިދާރާތަކުން ކުރެވިދާނެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ބަލާފައިވާ ކަމަށާއި، ޚާއްޞަކޮށް ތައުލީމީ ދާއިރާގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތަކަށް ރިއާޔަތްކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެންމެ މުހިންމު ކަމަކީ މަޢުލޫމާތު ދީގެން ރައްކާތެރިވާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"އެއްކަމެއް ރެސްޓްރިކްޝަންސްތަކެއް އަޅާފައި އެ އެންފޯސްކުރުމަށްވުރެ ބޮޑަށް ވަރަށް ބޮޑަށް މީހުން ހޭލުންތެރިކުރުވައިގެން މީގެން ރައްކާތެރިކުރެވޭނެ މަގުތައް ހޯދައިގެން. އޭގެން ދެން ޕެނިޓްރޭޓް ވެގެން އަންނަ ފަރާތެއް ވެއްޖެއްޔާ މި ރެސްޓްރިކްޝަންސްތަކުން ވެސް ކެޕްޗަރ ކުރެވިދާނެ ގޮތެއް އަޅުގަނޑުމެން ބޮޑަށް މި ބަލަނީ،" އިޙްސާން ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑެތި ސޯޝަލް މީޑިއާ ކުންފުނިތަކުން ކުދި ޤައުމުތަކާއެކު މިފަދަ ކަންކަމުގައި މަޝްވަރާކުރުމަކީ އާންމު އުސޫލެއް ނޫންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ މިސްރާބު ސާފުވެ މަޝްވަރާގެ މަރުޙަލާ ނިމުމުން އެ ފަރާތްތަކާއެކު ވެސް ވާހަކަދައްކަން ގަސްދުކުރައްވާ ކަމަށެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު މިކަމުގައި އަދި މަޝްވަރާތައް ފަށާފައި ނުވަނީ މަސައްކަތް އަދި އޮތީ ވަރަށް ކުރީކޮޅު ކަމަށްވާތީ ކަމަށާއި، ސިޔާސަތު ތަންފީޒުކުރުމުގެ މަރުޙަލާއަށް ދާއިރު އެ ކުންފުނިތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަކި އުމުރަކުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މަނާކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މީގެ ކުރިން އިޢުލާނުކުރައްވާފައެވެ.






