Wednesday, November 25
150 މެގަވޮޓްގެ ސޯލާ ނިޒާމު ޤާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީވީއާއި ބެޓެރި ސްޓޯރޭޖް ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވަރ ޕަރޗޭސް އެގްރީމަންޓް އުސޫލުން ޤާއިމުކުރުމަށް ފްރޭމްވަރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ޗައިނާގެ ގޯޝެންގ އެނަރޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައެވެ. ސްޓެލްކޯ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވުޒާރާގެ ފަރާތުން މިނިސްޓަރު ޢަލީ ޝަރީފް ސޮއިކުރެއްވިއިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ.

މި ސަރުކާރު ފެށިއިރު އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 56 މެގަވޮޓުގައި ހުރި ނަމަވެސް، މިހާރު އެ އަދަދު 136 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވެސް ވަނީ މިއީ ރާއްޖޭގެ ރަށްތަކުގެ ހަކަތައިގެ ހާލަތު ރަނގަޅުކުރުމަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ.

މި 150 މެގަވޮޓްގެ ނިޒާމު ފުރިހަމައަށް ޤާއިމުކުރެވުމާއެކު، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ ލަނޑުދަނޑީގެ 60 އިންސައްތަ ޙާޞިލުވެގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދާއި ކަރަންޓު ސަބްސިޑީއިން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑް އަހަރަކު ގާތްގަނޑަކަށް 198،283 ޓަނު މަދުކުރެވޭނެއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު