Wednesday, November 25
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ފަސްޓްލޭޑީ ގޮވާލައްވައިފި

އަންހެނުންނާއި އަންހެން ކުދިން ބިރުވެރިކަމާއި ނުތަނަވަސްކަމާއި ތަފާތުކުރުންތަކުން ރައްކާތެރިވެފައިވާ ކުރިމަގެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިން ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އަންހެނަކަށްވީތީ ކުރާ އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރެވޭނީ، އެފަދަ ޢަމަލުތަކަށް ހިތްވަރާއެކު ނޫނެކޭ ބުނެ، އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެކަމަނާ، ކަމާ ގުޅޭ ދާއިރާތަކުގެ ހުރިހާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، މާނަހުރި ނަތީޖާއެއް ނެރެދެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ގޮވާލެއްވިއެވެ.

އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރި މާޙައުލެއް ހޯދައިދީ، އެމީހުންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އިންސާފު ހޯދައިދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްތައް ބައްޓަންކުރުމަށް ވެސް ފަސްޓްލޭޑީ ވަނީ އެދިވަޑައިގެންފައެވެ.

މިފަދަ އަނިޔާވެރި ޢަމަލުތަކަކީ ކުޑަ ކަމެއްގެ ގޮތުގައި ނުދެކި، އަނިޔާ ލިބޭ މީހުންގެ ވާހަކަ އަޑުއަހައި، ފަސޭހައިން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އަންހެނުންނާއި އަންހެން ކުދިންނަށް މުޖުތަމަޢުގައި ހަމަހަމަކަމާއި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު