Wednesday, November 25
ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރި މަރުކަޒުތައް ދަނީ ފުޅާކުރަމުން: ރައީސް

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ ޚާއްޞަ މަރުކަޒުތައް ސަރުކާރުން ދަނީ ފުޅާކުރަމުން ކަމަށާއި، އަނިޔާ ލިބޭ އަންހެނުންނަށް ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނީ ސާބިތުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތްކޮށް، ކުށްކުރާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީކުރުވުމަށާއި، ކުށްވެރިންނަށް އަދަބު ނުލިބި ދޫވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

އަނިޔާގެ މައްސަލަތައް ރިޕޯޓުކުރެވޭނެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރަށް ފުޅާކުރަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، އަނިޔާ ލިބޭ ކޮންމެ ފަރާތަކަށްމެ ކަރާމާތާއި އިންސާފާއި އަވަސް ފިޔަވަޅުތައް ކަށަވަރުކޮށްދިނުމަށްޓަކައި، ކުރީ ސަފުގައި ޚިދުމަތްދޭ ފަރާތްތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަނިޔާ ހުއްޓުވުމަކީ އެންމެ އިސްކަންދޭ ކަމެއް ކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އަންހެނުންނަށް ހުރި ނިޒާމީ ހުރަސްތައް ނައްތާލައި، އެކަނބަލުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ފުރިހަމަ ޤާބިލުކަން ދެއްކޭނެ ގޮތަށް ބާރުވެރިކުރުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.

ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކުވެސް ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެގެން ދިރިއުޅެވޭނެ ޤައުމަކާއި ދުނިޔެއެއް ބިނާކުރުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަޤްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ނޮވެމްބަރު 25 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު