ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަމީރަށް ރުހުން ދީފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ.
ސަމީރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން 1 ޑިސެމްބަރު 2026 ގައި ރިޓަޔާކުރައްވަން ހަމަޖެހިފައިވާތީ، އެ ކޯޓުން ހުސްވާ މަޤާމަށެވެ.
ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ޖޭއެސްސީގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަމަކަށް މަޖިލީހުގެ ރުހުން ލިބުމުން، ހަތް ދުވަހުގެ ތެރޭގައި އެ ބޭފުޅަކު މަޤާމަށް ޢައްޔަންކުރައްވަން ޖެހެއެވެ.
ޝަރުޢީ ދާއިރާގައި ގިނަ ތަޖުރިބާ ހާސިލުކުރައްވާފައިވާ ސަމީރު، 2011 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. އަދި 12 މޭ 2022 އިން 28 އޮކްޓޯބަރު 2024 އަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ވެސް ސަމީރު ވަނީ ފުރުއްވާފައެވެ.






